Loading…
ޚަބަރު

މަޖިލިސް އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުން އަވަހަށް އައިޑީ ކާޑު އާދާހަމަކުރޭ!

މަޖިލިސް އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުން އަވަހަށް އައިޑީ ކާޑު އާދާހަމަކުރޭ!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓު ފައިނަލްކުރަން، އައިޑީގައިވާ މައުލޫމާތު ބަދަލުވި މީހުން މި މަހުގެ 21ގެ ކުރިން އައިޑީކާޑު ހައްދަން ފޯމު ހުށަހެޅުމަށް ޑިޕާޓްމެންޓު އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން މިއަދު އެދިއްޖެ އެވެ.

މިކަމާގުޅިގެން ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ވޯޓާސް ލިސްޓް ފައިނަލް ކުރުމަށް 18 އަހަރުން މަތީގެ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާ ނަމަ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އައިޑީކާޑު ހަދަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި އަންނަ ހޯމަ ދުވަހުން ފެށިގެން 18 އަހަރުން މަތީ ފަރާތްތަކަށް މައުލޫމާތު ބަދަލުވެގެން ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑު ހަދައި ދެވޭނީ އެ ފަރާތްތަކަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ނުލެވުނު ނަމަވެސް އެ ފަރާތްތަކުން އިއުތިރާޒް ނުކުރާ ކަމުގައިވާ ނަމަ ކަމަށް ވެސް ޑީއެންއާރުގެ އިއުލާންގައިވެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ނިމުމުން ކުރިއެކޭވެސް އެއްގޮތަށް މައުލޫމާތު ބަދަލުވާ މީހުންގެ އައިޑީކާޑު ހެދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ޑީއެންއާރުން ބުންޏެވެ.

އިންތިހާބުތަކުގެ ދުވަސްވަރު އަބަދުވެސް އައިޑީ ހައްދަން ގިނަ ބަޔަކު ދެ އެވެ. މިއާ ގުޅިގެން ޑީއެންއާރަށް ބާރު ބޮޑުވެ އައިޑީ ކާޑުތައް ލިބުމުގައި ލަސްތަކެއް ދިމާވެ އެވެ. ނިމުނު ރިޔާސީ އިންތިހާބު ދުވަސްވަރު ވެސް ގިނަ ބަޔަކު އައިޑީކާޑު ހައްދަން ހުށަހެޅުމުގެ ސަބަބުން، އައިޑީކާޑުތައް ނިންމަން ހިނގާ މުއްދަތު އިތުރުވެގެން ދިޔަ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަކީ އަންނަ މާޗު 17 ގަ އެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.