އިޤްތިޞާދީ އަދި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރާއްޖެއާއި އެމެރިކާއިން މަޝްވަރާކޮށްފި
އިންވެސްޓްމެންޓްގެ ދާއިރާއިންނާއި މެރިޓައިމްގެ ދާއިރާ އަދި އިޤްތިޞާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، އެސް. ޕޯލް ކަޕޫރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
ދެޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު
މި ބައްދަލުކުރެއްވުމުގައި، މިއަހަރަކީ ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީގުޅުން ޤާއިމު ކުރެވުނުތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ. ރާއްޖެއާއި އެމެރިކާއާއި ދެމެދު ސިޔާސީ ގުޅުން ފުރަތަމަ ޤާއިމުކޮށްފައިވަނީ 9 އޭޕްރީލް 1966 ގައެވެ. ފާއިތުވެދިޔަ ހަ ދަހަަރުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި ވާހަކަދެކެވުނެވެ.
ގުޅުން ބަދަހިކުރާނެ މުހިންމު ދާއިރާތައް
އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިޤުތިޞާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރަޙައްދުގެ ސަލާމަތާ ގުޅޭ ކަންކަމާއި، ޚާއްޞަކޮށް މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ ބޮޑު ޝައުޤުވެރިކަމެއް އޮތްކަން އެމެރިކާގެ ފަރާތުން ހާމަކުރެއްވިއެވެ.
މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދަށުން އިންވެސްޓްމެންޓްތަކަށް ފުރުޞަތު
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢްތަކަށް ފުރުޞަތު އޮތްކަން ފާހަގަކުރެއްވިއެވެ. އަދި އިޤްތިސާދު ސިންދަފާތުކޮށް ޤައުމަށް ފައިދާހުރި މަޝްރޫޢްތަކަށް ދިވެހިރާއްޖެ އަބަދުވެސް ހުޅުވާލެވިފައިވާކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެޤައުމަށްވެސް ފައިދާހުރި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އާކުރައްވަމުންނެވެ. މި ޒިޔާރަތަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން