މިނިވަން ދުވަހު "ރ. ވާދޫ ފަލަސްޠީނާއެކު" ޚާއްސަ ހިނގާލުމެއް ބާއްވަނީ
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ހިތްވަރުދީ، އެބޭފުޅުންނާއެކު ތިބިކަން ހާމަކުރުމަށް ރ. ވާދޫގައި ޚާއްޞަ ހިނގާލުމެއް ބޭއްވުމަށް ނިންމައިފިއެވެ.
"ފަލަސްޠީނާއެކު ރ. ވާދޫ" މި ޝިއާރުގެ ދަށުން ބާއްވާ މި ހިނގާލުމަކީ ވާދޫގެ ހުރިހާ ރައްޔިތުން ބައިވެރިވާ ބޮޑު ޙަރަކާތެކެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރ. ވާދޫގައި ކުރިއަށްގެންދާ އެކި ޙަރަކާތްތަކުގެ ތެރެއިން ހިމެނޭ މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ދިވެހިރާއްޖެއަށް 61 އަހަރު ފުރޭ މިނިވަން ދުވަހާ ގުޅުވައިގެން 2026 ޖުލައި 26 ވާ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތުގައެވެ.
ވާދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު 5:00 ގައި އެ ރަށު ބަނދަރު ސަރަހައްދުންނެވެ. މިއީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ދިވެހިންގެ ހިތްތަކުގައިވާ ހަމްދަރުދީއާއި އުޚުއްވަތްތެރިކަން ދައްކުވައިދިނުމަށް ބާއްވާ ބޮޑު ޙަރަކާތެކެވެ.
ކުދިބޮޑު، އުމުރުފުރާއެއް ބެލުމެއްނެތް ގޮތަށް ރަށުގެ ހުރިހާ ރައްޔިތުންނަށް މި ހިނގާލުމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ކައުންސިލުން ވަނީ ވާދޫގެ އެންމެހާ ރައްޔިތުން މި ޙަރަކާތުގައި ބައިވެރިވެ، ފަލަސްޠީނުގެ ޙައްޤުގައި ތިބިކަން ސާބިތުކޮށްދިނުމަށް ދައުވަތު އަރުވާފައެވެ.
ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް ޔަހޫދީން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް ޣައްޒާގެ އުތުރަށް ދިން ވައިގެ ޙަމަލާއެއްގައި ދެ މީހަކު ޝަހީދުވެފައިވާ ކަމަށް ޞިއްޙީ އިދާރާތަކުން ބުނެއެވެ. މީގެ އިތުރުން، އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ބަޑިޖަހައި ފަލަސްޠީނުގެ އިތުރު ތިން މީހަކު ޝަހީދުކޮށްލާފައިވާ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން