މިނިވަން ދުވަހުގެ މުނާސަބަތުގައި "ސައްބީސް ކާނިވަލް" ހުޅުމާލޭގައި ބާއްވަނީ
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމަށްޓަކައި، "ސައްބީސް ކާނިވަލް" ގެ ނަމުގައި ހުޅުމާލޭގައި ކުލަގަދަ ކާނިވަލެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
'އޮފިޝަލް އިވެންޓްސް' އާ ގުޅިގެން އެޗްޑީސީން އިންތިޒާމުކުރާ މި ކާނިވަލް ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އެއް ހަފުތާގެ މުއްދަތަށް ދެމިގެންދާ މި ކާނިވަލަކީ މުޅި އާއިލާއަށް ބައިވެރިވެވޭނެހެން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. އެޗްޑީސީން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ކާނިވަލުގައި ތަފާތު ގޭމްތަކާއި، ޑިޖިޓަލް ގޭމިންގ އެރީނާ، އިންފްލޭޓަބަލްސް، ހޮރޯ ހައުސް، ލައިވް މިއުޒިކް އަދި ބޮޑުބެރުގެ ފޯރިގަދަ ހުށަހެޅުންތައް ފެނިގެންދާނެއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރު ސަރަހައްދެއްގެ އިތުރުން، އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ ސްޓޯލްތަކާއި ކިއޮސްކުތައް ވެސް މި ސަރަހައްދުގައި ހުންނާނެއެވެ.
މިއަހަރު ރާއްޖެއިން ފާހަގަކުރަނީ އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންކަން ލިބުނުތާ 61 ވަނަ އަހަރީ ދުވަހެވެ. 26 ޖުލައި 1965 ގައި ރާއްޖެއަށް މިނިވަންކަން ލިބުނު މުނާސަބަތާ ދިމާކޮށް، ސަރުކާރުން ވަނީ ޖުލައި 26 އިން 28 އަށް ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މި ދުވަސްތަކުގެ ތެރޭގައި ސިފައިންގެ ރަސްމީ ޕެރޭޑާއި އެހެނިހެން ޙަރަކާތްތައް ވެސް މާލެ ސަރަހައްދުގައި ކުރިއަށްދާނެއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން