ރ.ވާދޫ ހިމެނޭހެން 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު އިފްތިތާޙުކޮށްފި
ޕޮއިސްޑް ޕްރޮޖެކްޓްގެ ދަށުން ރ. ވާދޫ ހިމެނޭހެން ރާއްޖޭގެ 25 ރަށެއްގައި ސޯލާ ޕެނަލް ހަރުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކުގައި ސޯލާ ހަރުކޮށްފައިވެއެވެ.
އެ ނިޒާމް އިފްތިތާޙު ކުރި 25 ރަށް:
ރ. އަލިފުށި
ރ. ވާދޫ
ރ. ރަސްގެތީމު
ރ. އަނގޮޅިތީމު
ރ. މާކުރަތު
ރ. ރަސްމާދޫ
ރ. އިންނަމާދޫ
ރ. މަޑުއްވަރީ
ރ. އިނގުރައިދޫ
ރ. ފައިނު
ރ. މީދޫ
ރ. ކިނޮޅަސް
ރ. ހުޅުދުއްފާރު
ބ. ކުޑަރިކިލު
ބ. ކަމަދޫ
ބ. ކެންދޫ
ބ. ކިހާދޫ
ބ. ދޮންފަނު
ބ. ދަރަވަންދޫ
ބ. މާޅޮސް
ބ. އޭދަފުށި
ބ. ތުޅާދޫ
ބ. ހިތާދޫ
ބ. ފުޅަދޫ
ބ. ފެހެންދޫ

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއީ، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމަށާއި، ރާއްޖެއަށް އެތެރެކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ އިތުރުން ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި މިއީ، "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމެންޓް" (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިކަމަށްޓަކައި ރ.އަތޮޅު ކިނޮޅަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެކަން ރަސްމީކޮށް ފައްޓަވައިދެއްވީ، އެންވަޔަރަންމަންޓް މިނިސްޓަރު ޢަލީ ޝަރީފެވެ. މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސެއިންއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ބޭފުޅުންގެ އިތުރުން ކިނޮޅަހު ކައުންސިލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނާރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓަކީ ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި ގުޅިގެން ހިންގޭ އިޢާދަކުރަނިވި ހަކަތައިގެ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން އެ ދެ އަތޮޅުގައި ގާއިމް ކޮށްފައިވާ 6.3 MWp (ހައެއް ޕޮއިންޓު ތިނެއް ފަހެއް މެގަވޮޓް ޕީކް) ސޯލާ އާއި 9.95 MWh (ނުވައެއް ޕޮއިންޓު ނުވައެއް ފަހެއް މެގަވޮޓް އަވަރ) ބެޓަރީ ސިސްޓަމްތަކުން، އަހަރަކު 68 މިލިޔަން ރުފިޔާ ޑީސަލް ސޭވިންގ ގޮތުގައި ރައްކާ ކުރެވޭނެއެވެ.
އަދި ރ. އަތޮޅުގައި އެކަނި 3.65MWp ސޯލާރ ޕީވީ އާއި 5.34 MWh ބެޓަރީ ސްޓޯރޭޖްއިން އަހަރަކު 39 މިލިޔަން ރުފިޔާ ޑީސަލް ސޭވިންގ ގޮތުގައި ރައްކާ ކުރެވޭނެއެވެ. އެއާއެކު ޑީސަލް އިންޖީނުތަކަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެއެވެ.
ޕޮއިސްޑް ޕްރޮޖެކްޓް ފަސްވަނަ ފިޔަވަހީގެ ދަށުން ރ. އަތޮޅުގައި އިންސްޓޯލް ކުރެވޭ ސޯލާރ ނިޒާމުތަކާއިއެކު ފެނަކައިގެ ޖުމްލަ 17.95MWp ސޯލާރ ޕީވީ ގާއިމްކުރެވިގެންދާނެއެވެ. އަދި މި 17.95MWp ގެ ތެރެއިން ޕޮއިސްޑް ޕްރޮޖެކްޓްގެ އެކި ފިޔަވަހިތަކުގައި MWP 16.8 ސޯލާރ ޖަހާފައިވެއެވެ.
މި ފިޔަވަހީގައި ޖުމްލަ 15 ރަށެއްގެ ޑީސަލް ޕަވަރހައުސްތައް ދުވާލު 6 ގަޑިއިރާ 10 ގަޑިއިރާ ދޭތެރޭ ގަޑިއިރުތަކަށް ނިއްވާލެވުމަކީ މި ޕްރޮޖެކްޓްގެ އެންމެ މުހިއްމު އެއް ކާމިޔާބީއެވެ.
މި މަޝްރޫއު އިފްތިތާހުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފު ހުސައިން ވިދާޅުވީ، މިއީ ރާއްޖޭގައި ކާމިޔާބުކަމާއި އެކު ޑީސަލް - ސޯލާރ ޕީވީ - ބެޓަރީ ހައިބްރިޑް ސިސްޓަމް ގާއިމް ކުރެވުނު ފުރަތަމަ މަޝްރޫއުކަމަށެވެ.
އަދި ބޭނުންކުރެވޭ ކަރަންޓުގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައިން 2028 ވަނަ އަހަރު ނިމޭއިރު ފޯރުކޮށްދިނުމަކީ ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިއްމު ލަނޑުދަނޑިއެއް ކަމަށާއި، މި މަޝްރޫއުގެ ދަށުން ހަރުކުރެވޭ ސޯލާރ ނިޒާމްތަކުގެ އިތުރުން، އެނާރޖީ މެނޭޖްމަންޓް ސިސްޓަމްތަކާއި ބެޓަރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމްތަކަކީ، މި ލަނޑުދަނޑި ހާސިލްކުރުމުގައި ހިއްސާވާ މުހިއްމު ވަސީލަތްތަކެއް ކަމަށް އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެމްޑީ ވަނީ މި މަޝްރޫއު ވިލަރެސްކޮށް މޮނިޓަރ ކުރުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދައުރު ފާހަގަކޮށް، މިނިސްޓަރާއި މިނިސްޓްރީގެ ޓީމަށް ޝުކުރުދަންނަވާފައެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން