ވަރުގަދަ ޓީމަކާ ޖެހުމުން އެ ފެނުނީ އާޖެންޓީނާގެ އަސްލު ފެންވަރު!
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް، ފީފާ ވޯލްޑް ކަޕްގެ ތަށި ސްޕެއިން އިން އުފުލާލައިފިއެވެ.
ދުނިޔޭގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ސްޕެއިން ހޯދީ އެމެރިކާގެ ނިއު ޖަރޒީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މިއީ 2010 ވަނަ އަހަރަށްފަހު ސްޕެއިން މި ޝަރަފު ހޯދި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެ ހާފުގެ ތެރެއިން، ސްޕެއިން މޮޅުވީ 106 ވަނަ މިނިޓްގައި ޖެހި ލަނޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފެރަން ޓޮރޭޒް އެވެ. މިއީ ދެވަނަ ހާފުގައި ކުޅެން ނިކުތް ނިކޯ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސްޕެއިން އިން ވަނީ މުޅި މެޗު ޑޮމިނޭޓްކޮށްފައެވެ. 90 މިނިޓްގެ ތެރޭގައި ސްޕެއިންގެ ޔަމާލް، ކުބާސީ، އޮޔާޒަބާލް އަދި އޮލްމޯ ފޮނުވާލި ނުރައްކާތެރި ހަމަލާތައް އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ދިފާއުކުރި ނަމަވެސް، އާޖެންޓީނާއަށް މުޅި މެޗުގައި ސްޕެއިންގެ ގޯލަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ "ވަރުގަދަ ޓީމަކާ ޖެހުމުން އެ ފެނުނީ އާޖެންޓީނާގެ އަސްލު ފެންވަރު" ކަމަށެވެ.
ސްޕެއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެއްވެސް މެޗަކުން ބަލިނުވެ، މުޅި މުބާރާތުގައިވެސް އެޓީމު ކޮޅަށް އެންމެ ގޯލެއް ވަދެފައިވަނިކޮށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ 62 ވަނަ މިނިޓްގައި އޮޔާޒަބާލްގެ ބަދަލުގައި ކުޅެން ނިކުމެ ލަނޑުޖެހި ފެރަން ޓޮރޭޒް އެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން