Loading…
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް 50 ޙާފިޡުންނަށް!

ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް 50 ޙާފިޡުންނަށް!

ކީރިތި ޤުރްއާން ހިތުދަސްކުރި 31 ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ކީރިތި ޤުރްއާން ހިތުދަސްކުރި 31 ޙާފިޡުން ދަސްވެނިވެއްޖެއެވެ. ދަސްވެނިވި ދަރިވަރުންނަށް މެޑައްޔާއި އިނާމް ދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޙާފިޡުން ދަސްވެނިވި ރަސްމިއްޔާތެވެ. އެގޮތުން މިރޭގެ ރަސްމިއްޔާތުގައި 31 ޙާފިޡުން ދަސްވެނިވެފައިވެއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ޙާފިޡުންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ މެޑައްޔާއި އިނާމު 50 ޙާފިޡުންނަށް ވަނީ ދެއްވާފައެވެ.

މިރޭ ދަސްވެނިވި ޙާފިޡުންގެ ތެރޭގައި ހިމެނެނީ 19 ފިރިހެން ޙާފިޡުންނާއި 12 އަންހެން ޙާފިޡުންނެވެ. މީގެ ތެރޭގައި 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ފަރާތަކާއި 21 އަހަރުންމަތީގެ 8 ފަރާތެއް ހިމެނެއެވެ. މިރޭ ދަސްވެނިވި ހާފިޡުންގެ ތެރޭ ހިމެނެނީ 1446 ވަނަ އަހަރުގެ ރޯދަ މަހުން ފެށިގެން މި ހިނގާ ރޯދަ މަހުގެ ނިޔަލަށް ޤުރްއާން ހިތުދަސްކޮށް، ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް ހިފްޒު އިމްތިހާނު ކޮމެޓީއަށް ކިޔައިދީފައިވާ ހާފިޡުންނެވެ.

ކީރިތި ޤުރްއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. ކީރިތި ޤުރްއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރުދީ އެކަމުގައި ކުރިއަށްދިޔުމަށް ބާރުއެޅުމަށްވެސް އެކި ކަންކަން ސަރުކާރުންވަނީ ކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާފިޒުންނަށް ދައުލަތުންދޭ އެލަވަންސް ދެގުނަ ބޮޑުކުރައްވާފައެވެ. އެގޮތުން ކުރިން 2000 ރުފިޔާގެ އެލަވަންސްއެއް ދެމުން އައިނަމަވެސް މިހާރު 4000 ރުފިޔާގެ އެލަވަންސްއެއް އަންނަނީ ދެމުންނެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން ޤައުމީ ޤުރުއާން މުބާރާތުގެ ވަނަތަކަށް އަންނަ ފަރާތްތަކަށް ދޭ އިނާމްވެސް ބޮޑު ކުރައްވާފައެވެ. މިގޮތުން މިދިޔަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްއެއް ވަނީ ދޭން ފައްޓަވާފައެވެ. މު

ޅި މުބާރާތުން 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ވަނީ ދޭން ފައްޓަވާފައެވެ. މުބާރާތުގެ ހުރިހާ ވަނަތަކަށް އިސްލާމީ ކަންތައްތަކާ ބެހެ ވުޒާރާއިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި ވަނީ އަގުބޮޑުކޮށްފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.