މެދުއިރުމަތީގެ ހަމަނުޖެހުން ހުއްޓާލައި ޞުލްޙަވުމަށް ރާއްޖެއިން ގޮވައިލައިފި
ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ސަރުކާރުގެ ވަފުދެއް އދ. ގައި ---
މެދުއިރުމަތީގެ ހަމަނުޖެހުންތައް ހުއްޓާލައި، ސުލްޙަވުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވުމާއެކު ގާތުން ބަލަމުން ދާ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. އެމެރިކާގެ އެހީގައި މިހާރު އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ނާޒުކު ހާލަތާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ހުރިހާ ފަރާތްތަކަކުން ދޭ ޙަމަލާތައް ދިވެހިރާއްޖެއިން ކުށްވެރި ކުރާ ކަމަށާއި އަދި މި މަސްރަޙު ވަގުތުން ސުލްހަކުރުމަށް ގޮވާލާ ކަމަށެވެ.
ސުލްހަ މަސަލަސްކަމާއި ހަމަޖެހުން އިޢާދަ ކުރުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި، އދގެ ޗާޓަރުގެ ދަށުން އުފުލަންޖެހޭ ޒިންމާތަކަށް ފުރިހަމަޔަށް އިޙްތިރާމްކޮށް، އެއާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ފަރާތްތަކަކުންވެސް ޢަމަލުކުރުމަށް ދިވެހިރާއްޖެއިން ވަނީ މިބަޔާނުގައި ގޮވާލާފައެވެ. އަދި ހުރިހާ ދައުލަތްތަކެއްގެ ސިޔާދަތާއި ސަރަޙައްދީ ނަޒާހަތްތެރި ކަމަށް ހުރިހާ ފަރާތްތަކަކުންވެސް ކޮންމެ ވަގުތަކުވެސް ފުރިހަމަޔަށް އިޙްތިރާމްކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
މިފަދަ މައްސަލަތައް ސުލްހަވެރިކަމާއެކު ޙައްލުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ދެމުންދާ އަހައްމިއްޔަތުކަން ތަކުރާރުކޮށް، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން