ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުން
ކީރިތި ޤުރްއާނުގެ މުސްހަފަކާއި ތަސްބީހަ ފައްޗެއް
ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް، އެއިލާހުގެ ޛިކުރުކުރުންމަތީ ދެމިހުރުމަކީ އޭގެ ސަބަބުން ދުނިޔޭގައި ގިނަގުނަ ލާބައާއި މަންފާ ލިބިގެންދާ އަދި އުޚްރަވީ ޙަޔާތުގައި އޭގެ ދަރުމައާއި ޘަވާބު ޙާޞިލުވެގެންވާދާނޭ ކަމެކެވެ. މިގޮތުން މުސްލިމުން ރައްކާތެރިވާންޖެހޭ އެންމެ މުހިންމު ޛިކުރުތަކުގެ ތެރޭގައި ހެނދުނާއި ހަވީރުގެ ޛިކުރުތައް ހިމެނެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ވާރިދުވެގެންވާ ޚާއްޞަ ޛިކުރުތަކެކެވެ. އެ ޛިކުރުތަކުގެ ފައިދާތަކުގެ ތެރޭގައި މޭ ތަނަވަސްވުމާއި، ހާސްކަން ފިލައި ދިޔުމާއި ހިތަށް ހަމަޖެހުން ލިބުމާ އަދި ﷲ ތަޢާލާގެ ރައްކާތެރިކަމާއި ވާގިވެރިވެވޮޑިގެންނެވުން އެމީހަކަށް ލިބުން ހިމެނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ﴾ [سورة الرعد ٢٨]
މާނައީ: “ދަންނާށެވެ! ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲގެ މަތިން ހަނދުމަކުރުމުންނެވެ.”
ހެނދުނާއި ހަވީރު ކިޔުމަށް ގިނަ ޛިކުރުތަކެއް ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވެފައިވެއެވެ. ހެނދުނުގެ ޛިކުރުތައް ފެށޭ ވަގުތަކީ ފަޖުރުލުމުންކަމުގައި ގިން ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް ނިމޭ ވަގުތާ ބެހޭގޮތުން ޢިލްމުވެރިންގެ ތިން ބަސްފުޅެއްވެއެވެ. އެއީ: މި ވަގުތު ނިމެނީ އިރުއެރުމުންނެވެ. މިކަމުގެ އަޞްލު ވަގުތަކީ ފަޖުރުލީއްސުރެ އިރު އަރަންދެނެވެ. ނަމަވެސް ދުވާލުގެ ވަގުތުގައިކިޔަސް އެކަމުގެ ފައިދާކުރާނެއެވެ. މި ވަގުތު ނިމެނީ އިރުއޮއްސުމުންނެވެ.
އަދި ހަވީރުގެ ޛިކުރުތަކާ ބެހޭގޮތުންވެސް 3 ބަސްފުޅެއްވެއެވެ. އެއީ: ޢަޞުރު ފަހުން ފެށުމަށްފަހު އިރުއޮއްސުމުން މި ވަގުތު ނިމެއެވެ. އިރުއޮއްސުމަށްފަހު ފަށާފައި އިރުއެރުމުން މި ވަގުތު ނިމެއެވެ. މިކަމުގެ އަޞްލު ވަގުތު ފަށަނީ އަޞުރުނަމާދުގެ ވަގުތު ވަނުމުންނެވެ. ނަމަވެސް ރޭގަނޑުގެ ވަގުތުގައި ކިޔަސް އެކަމުގެ ފައިދާކުރާނެއެވެ.
މި ބަސްފުޅުތަކުގެ ތެރެއިން އިބްނުލް ޤައްޔިމް رحمه الله ބުރަވެވަޑައިގެންފައިވާ ބަސްފުޅަކީ ހެނދުނުގެ ޛިކުރުތައް ކިޔުމުގެ ވަގުތަކީ ފަތިސްނަމާދާއި އިރުއެރުމާދެމެވެ. އަދި ހަވީރުގެ ޛިކުރުތައް ކިޔުމުގެ ވަގުތަކީ އަޞުރުނަމާދާއި އިރުއޮއްސުމާދެމެދުއެވެ.
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّـهَ ذِكْرًا كَثِيرًا﴿٤١﴾ وَسَبِّحُوهُ بُكْرَةً وَأَصِيلًا﴿٤٢]﴾ [سورة الأحزاب]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުރުމަކުން ﷲ ހަނދުމަކުރާށެވެ. [41] އަދި ހެނދުނާއި ހަވީރު އެއިލާހަށް ތަސްބީޙަ ކިޔާ އުޅޭށެވެ. [42]”
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْإِبْكَارِ﴾ [سورة غافر ٥٥]
މާނައީ: “އަދި ކަލޭގެފާނުގެ ރައްބަށް ހަވީރާއި ހެނދުނު ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ.”
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ﴾ [سورة ق ٣٩]
މާނައީ: “އަދި އިރު އެރުމުގެ ކުރީގައްޔާއި އޮއްސުމުގެ ކުރީގައި ކަލޭގެފާނުގެ ރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ.”
‘ހެނދުނުވުމުން ނުވަތަ ހަވީރުވުމުން މިފަދައިން ކިޔާށޭ އަދި އެފަދައިން ކިޔާށޭ ‘ އައިސްފައިވާ ޙަދީޘްތަކުގެ ތަފްސީރަކީ މިއީއެވެ. ހަމަކަށަވަރުން އޭގެ މުރާދަކީ: އިރުއެރުމުގެ ކުރިންނާއި އަދި އިރުއޮއްސުމުގެ ކުރިންނެވެ. އަދި އެ ޛިކުރުތައް ކިޔަންވީ ފަތިސްނަމާދުގެ ފަހުންނާއި ޢަޞުރުނަމާދު ފަހުންނެވެ…”
ހެނދުނާ ހަވީރުގެ ޛިކުރުތައް އޭގެ ވަގުތުގައި ކިޔުމަށް ހަނދާންނެތުމުން ނުވަތަ މަޝްޣޫލުވުމުގެ ސަބަބުން އެ ވަގުތުގައި އެ ޛިކުރުތައް ނުކިއިއްޖެނަމަ، ދެން އެ ޛިކުރުތައް ކިޔާނެ ވަގުތާ ބެހޭގޮތުން ފަޟީލަތުއްޝައިޚް ޢަބްދުއްރައްޒާޤް އަލްބަދްރު حفظه الله ވިދާޅުވެފައިވެއެވެ.
” إن شاء الله، އެކަމަކީ ހަމަކަށަވަރުން ވަރަށްވެސް ތަނަވަސްވެގެންވާކަމެކެވެ.
އަޅަކު އެ[ޛިކުރުތައް] އޭގެ ވަގުތުގައި ކިޔުމަށް ހަނދުމަނެތިއްޖެނަމަ ނުވަތަ ކަމެއްދިމާވެއްޖެނަމަ، ހެނދުނުގެ ޛިކުރުތައް އިރުއެރުމަށްފަހު އަދި ހަވީރުގެ ޛިކުރުތައް އިރުއޮއްސުމަށްފަހު ކިޔުމަކީ މައްސަލައެއް ނޫނެވެ.”
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން