މާނައާއެކު ޤުރްއާން ކިޔެވުން
ކީރިތި ޤުރްއާން މުސްހަފެއް
އެންމެ ހެޔޮ ބަހަކީ ﷲ ގެ ބަސްފުޅެވެ. ޤުރުއާނަކީ ﷲ ގެ ބަސްފުޅެވެ. އަދި މުއުމިނުންގެ ދުސްތޫރެވެ. އަދި ތަޤުވާވެރިންގެ ރޫޙީ ޣިޛާއެވެ. އަދި ޢާލަމްތަކުގެ ހިދާޔަތެވެ. އަދި އަޅުތަކުން އުޅެންވީ ގޮތުގެ އިލާހީ ޤާނޫނެވެ. ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. އަދި ކިޔަވައިދިނުމަކީވެސް އަޅުކަމެކެވެ. ޤުރުއާނުގެ ޢިލްމު ލިބިއްޖެ މީހާ ދަންނައެވެ. ފަހެ އޭނާއަށް ދެދުނިޔެ ބާއްޖަވެރިވެއްޖެކަން ކަށަވަރެވެ. އަދި އޭގެ ޢިލްމުން މަޙްރޫމް ވެއްޖެ މީހާ ދަންނައެވެ. ފަހެ އެތައް ހެވަކުން އޭނާ މަޙްރޫމްވެއްޖެކަން ކަށަވަރެވެ.
މާތްﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ.
” خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ ” (رواه البخاري)
މާނައީ: ” ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ.”
ޒަމާނުއްސުރެ ފެންނަމުންދާ ހަގީގަތަކީ ކީރިތި ޤުރްއާން ކިޔެވުމުގެ ނަމުގައި މީސްތަކުން މުޞްޙަފު ހިފައިގެން އެއްވެސް ވިސްނުމެއްނެތި އެ މުސްހަފުގައި ލިޔެފައިވާ އާޔަތްތައް އަވަސް އަވަހަށް ކިޔަމުންދާ މަންޒަރެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިކަން މިއަދާ ހަމައަށްވެސް މިހެން އޮންނަންޖެހުނު ސަބަބަކީ ކީރިތި ޤުރްއާނާއި މޫރިތި ސުންނަތް ރަނގަޅަށް ނުވިސްނުމެވެ.
ކީރިތި ޤުރްއާނަކީ ތަޤްވާވެރީންނަށް އޮތް ހިދާޔަތެކެވެ. އަލްބަޤަރާ ސޫރަތުގައި الله تعالى ވަޙީކުރައްވަތެވެ.
"ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ "
މާނައަކީ:"މިއީ އެފޮތެވެ. އެފޮތާމެދު ޝައްކެއްނެތެވެ. (މިފޮތަކީ) ތަޤްވާވެރިންނަށް ހުރި ހިދާޔަތެކެވެ."
ހިދާޔަތަކީ އަހަރެމެން އުޅެންވީގޮތް ކަމުގައިވާއިރު، އެފޮތުގައި އަހަރެމެން އުޅެން ބަޔާންކޮށްފައިވާ ގޮތް އެނގޭނީ ހަމަގައިމުވެސް އެފޮތުގެ މާނަ އެނގިގެންނެވެ. އެ ފޮތުގެ އާޔަތް ތަކާމެދު ވިސްނާ ފިކުރުކޮށްގެންނެވެ.
الله تعالى ވަޙީކުރައްވަތެވެ.
"كِتَابٌ أَنْزَلْنَاهُ إِلَيْكَ مُبَارَكٌ لِيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ"
މާނައަކީ:"މިއީ ކަލޭގެފާނަށް ތިމަން އިލާހު ބާވާލެއްވި ބަރަކާތްތެރި ފޮތެވެ. އެއީ؛ އެއުރެން އެފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނާ ފިކުރުކުރުމަށެވެ. އަދި، ބުއްދީގެ އަހްލުވެރިން އެއިން ނަޞީޙަތް ލިބިގަތުމަށެވެ."
އައްޝައިޚު މުޙައްމަދު އިބްނު ޞާލިޙް އަލްޢުޘައިމީން-رحمه الله-، އެބޭފުޅާގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. ކީރިތި ޤުރްއާނުގެ މާނައަށް ވާޞިލުވުމެއްނެތި، އެއާމެދު ވިސްނާ ފިކުރުކުރުމެއްނެތި، އެކިޔެވުމުން، އެފޮތް ބާވާލެއްވުނު ޙިކްމަތް ނެތި ހިނގައިދެއެވެ.
މިހެނީ؛ الله تعالى ބަޔާންކުރައްވާގޮތުގައި އެއިލާހު އެފޮތް ބާވާލެއްވެވި ޙިކްމަތަކީ މީސްތަކުން އެފޮތާމެދު ވިސްނާ، އެފޮތުގެ އާޔަތަކުގައި ބުނާ އެއްޗެއް އެނގި، އޭގެން ނަޞީޙަތް ޙާޞިލްކުރުމެވެ. ވީމާ، އެ މޫރިތި އާޔަތްތަކުގެ މާނަ ނުވިސްނި އޭގެން ނަޞީޙަތް ޙާޞިލެއްނުކުރެވޭނެއެވެ. އެއާމެދު، ވިސްނާ ފިކުރުނުކުރެވޭނަމަ، ނަޞީޙަތެއް ލިބިނުގަނެވޭނަމަ، އެއީ ކިޔާލެވޭ ލަފްޒުތަކެކެވެ. ޢަރަބި ބަސްތަކެކެވެ.
ޙަޤީޤީ މުއުމިނުންނަކީ އެ ފޮތުގެ އާޔަތްތައް އަޑުއިވޭހިނދު، އެބައިމީހުންގެ އީމާންކަން އިތުރުވެގެންދާ މީހުންނެވެ. އަލްއަންފާލް ސޫރަތުގައި الله تعالى ވަޙީކުރައްވަތެވެ.
"إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ "
މާނައަކީ: "މުއުމިނުންވާކަން ކަށަވަރީ الله تعالى ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުންކަމުގައެވެ. އަދި، އެއިލާހު ބާވާލެއްވި އާޔަތްތައް އެއުރެންނަށް ކިޔަވާދެވޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާމީހުންކަމުގައެވެ. އަދި، އެއުރެންގެ ވެރިއިލާހަށް ވަކީލުކޮށް، ބަރޯސާވާމީހުންކަމުގައެވެ. ''
މި އާޔަތުގައި މިބުނާ ގޮތަށް ގުރުއާނުގެ އާޔަތްތަކުގެ އަޑު އިވޭހިނދު އީމާންކަން އިތުރުވެގެންދާނީ އަހަރެމެންނަށް ޤުރުއާނުގެ މާނަ ނުވަތަ ތަރްޖަމާ އެނގޭނަމައެވެ. އަދި އެއާމެދު ވިސްނާ ފިކުރުކުރާނަމައެވެ. އަދި، ހަމައެހެންމެ އަހަރެމެން ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނާ ފިކުރުކުރާނަމަ، އަހަރެމެންގެ ހިތްތަކަށާއި ހަންތަކަށް އެޤުރްއާނުން އަޘަރުކުރާނެއެވެ. الله تعالى ވަޙީކުރައްވަތެވެ.
"اللهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُتَشَابِهًا مَثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَى ذِكْرِ اللهِ ذَلِكَ هُدَى اللهِ يَهْدِي بِهِ مَنْ يَشَاءُ"
މާނައަކީ:"الله تعالى އެންމެ ރިވެތި ބަސްތައް ފޮތެއްގެ ޞިފައިގައި ބާވާލެއްވިއެވެ. އޭގެ ބައިތައް (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، (އަދި) ތަކުރާރުކޮށް ކިޔެވޭ ޚާލުގައެވެ. އެފޮތް ކިޔެވޭހިނދު އެއުރެންގެ ވެރިއިލާހަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން، އެއުރެންގެ ގައިގެހަންތަކާއި ހިތްތައް الله تعالى ހަނދުމަކުރުމަށް މަޑުމޮޅިވެދެއެވެ. އެއީ؛ الله تعالىގެ ތެދުމަގެވެ. އެއިލާހު އިރާދަކުރައްވާމީހަކަށް ފަހެ، އެއިން މަގުދައްކަވެތެވެ."
އިންސާނަކު، މިޤުރްއާން ކިޔަވަންވީގޮތަށް ކިޔަވާނަމަ، އޭނާގެ ހަމަށާއި ހިތަށް މީގެން އަޘަރު ނުކުރަންވީ ކީއްވެތޯއެވެ؟ އަލްޙަޝްރު ސޫރަތުގެ 21ވަނަ އާޔަތުގައި الله تعالى ވަޙީކުރައްވަތެވެ.
"لَوْ أَنْزَلْنَا هَذَا الْقُرْآنَ عَلَى جَبَلٍ لَرَأَيْتَهُ خَاشِعًا مُتَصَدِّعًا مِنْ خَشْيَةِ اللهِ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ"
މާނައަކީ:"ތިމަން الله تعالى ފަރުބަދައެއްގެ މައްޗަށް މިޤުރްއާން ބާވާލެއްވިނަމަ ހަމަކަށަވަރުން އެފަރުބަދައެއް الله تعالىއަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި، މިޘާލުތައް ތިމަން އިލާހު ޖައްސަވަނީ އެއުރެން ފިކްރުކުރުމަށްޓަކައެވެ."
ހަމަކަށަވަރުން، ކީރިތި ޤުރްއާން ކިޔެވުމަކީ އެންމެ މާތް މަތިވެރި ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. الله تعالىވަނީ، އަހަރެމެންނަށް އެއިލާހުގެ ފޮތް، ކީރިތި ޤުރްއާން ކިޔެވުމަށް، އެ ފޮތުގެ އާޔަތްތަކާމެދު ވިސްނުމަށް، އޭގެ މާނަ ދެނެގަތުމަށް އަމްރުކުރައްވާފައެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން