ޒިދާންގެ ފުރަތަމަ ފޮތް "ވާވެރިންގެ ވާދޫ" ނެރުމަށް ތައްޔާރުވެއްޖެ
- ޒުވާން ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ޒިދާން މުޙައްމަދު، އޭނާގެ އުފަން ރަށް ރ. ވާދޫގެ ތާރީޚާއި ސަގާފަތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އަލަތު ފޮތް "ވާވެރިންގެ ވާދޫ" ނެރުމަށް ވަނީ ތައްޔާރުވެފަ
- ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމާއި އަދަބިއްޔާތުގެ އެކި ރޮޮނގުތަކުން ފާހަގަކޮށްލެވޭ ޒިދާންގެ މި ފޮތުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ މުއްސަނދި މަޢުލޫމާތުތައް އަންނާން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމާއި، ލިޔުންތެރިކަމުގެ ޒަރީޢާއިން ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުން
ޒުވާން ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ޒިދާން މުޙައްމަދު ލިޔެފައިވާ އޭނާގެ އަލަތު ފޮތް، "ވާވެރިންގެ ވާދޫ" ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިއްޖެއެވެ.
ޒިދާންގެ އުފަން ރަށް ކަމަށްވާ ރ. ވާދޫގެ މައްޗަށް ބިނާކޮށްފައިވާ މި ފޮތަކީ، އޭނާގެ އަދަބީ ދަތުރުގައި ކުރެވުނު ވަރަށް މުހިންމު އަދި ޚާއްޞަ މަސައްކަތެކެވެ.
މި ފޮތް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ރ. ވާދޫގެ މުއްސަނދި ތާރީޚާއި، އާދަކާދަތަކާއި، ސަގާފީ ކަންކަމުގެ އިތުރުން ރަށާ ގުޅޭ އެކި މަޢުލޫމާތުތައް އަންނާން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމެވެ. ޒިދާން ފާހަގަކުރި ގޮތުގައި، މިފަދަ މަސައްކަތެއް ކުރުމަށް އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އަމިއްލަ ރަށަށް އޮތް ލޯތްބާއި ވާދޫގެ ގުދުރަތީ ރީތިކަމެވެ.
ލިޔުންތެރިކަމުގެ ތެރެއަށް ޒިދާންގެ ޝައުޤުވެރިކަން ފުރަތަމަ އުފެދުނީ އުމުރުން 13 އަހަރުގައި ސްކޫލްގައި އުޅުނު ދުވަސްވަރުއެވެ. ނަމަވެސް، ރަސްމީ ސިފައެއްގައި ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއިން އޭނާ ފެންނަން ފެށީ 2017 ވަނަ އަހަރުން ފެށިގެންނެވެ. ޚަބަރާއި ރިޕޯޓުތަކުގެ އިތުރުން، ޒިދާންއަކީ ޅެމާއި، ލަވައާއި، ރައިވަރާއި، ބަނދި އަދި ކުރުވާހަކަ ފަދަ ދިވެހި އަދަބިއްޔާތުގެ އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ.
އަލަތު ފޮތާ ގުޅޭގޮތުން ވާހަކަދައްކަމުން ޒިދާން ބުނީ،
މިއީ އަޅުގަނޑުގެ ފުރަތަމަ ފޮތް ކަމަށްވާތީ، މިއީ އަޅުގަނޑަށް ވަރަށް އަގުބޮޑު މަސައްކަތެކެވެ. އަޅުގަނޑުގެ އުންމީދަކީ މި ފޮތުގެ ސަބަބުން ކިޔުންތެރިންނަށް ވާދޫއާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް އެނގިގެންދިޔުމެވެ.
ޒިދާންގެ މައިގަނޑު އަމާޒަކީ އޭނާގެ ލިޔުންތެރިކަމުގެ ޒަރީޢާއިން މުޖުތަމައަށް ފައިދާހުރި މެސެޖުތައް ދިނުމާއި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމެވެ. ތަފާތު ދާއިރާތަކުން ބޭނުންތެރި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ދެމިހުރުމަށް އޭނާ އުންމީދު ކުރާއިރު، ކިޔުންތެރިންގެ ފަރާތުން ލިބޭ ތަރުހީބަކީ މި މަސައްކަތުގައި ލިބޭ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި އޭނާ ދެކެއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން