Loading…

ރ. ވާދޫގެ 5 ވަނަ ކައުންސިލް ހުވާކުރުން އާދީއްތަ ދުވަހު ބާއްވަނީ

ރ. ވާދޫގެ 5 ވަނަ ކައުންސިލް ހުވާކުރުން އާދީއްތަ ދުވަހު ބާއްވަނީ

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލަށް އަލަށް އިންތިހާބުކުރެވުނު 5 ވަނަ ކައުންސިލް ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ ކޮމިޓީ) ގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު 2026 މެއި 17 ވާ އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ.

ވާދޫ ކައުންސިލުން ނެރުނު އިޢުލާނުގައިވާ ގޮތުން މި ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހަވީރު 4:15 ގައި ވާދޫ ސްކޫލުގެ ހޯލުގައެވެ. މި ދަރުބާރުގައި ބައިވެރިވުމަށް ވާދޫގެ އެންމެހާ ރައްޔިތުންނަށް ވަނީ ދަޢުވަތު އަރުވައިފައެވެ.

ރަސްމިއްޔާތުގެ އެޖެންޑާގައި ހިމެނެނީ ޤުރުއާނުގެ ބަރަކާތުން ދަރުބާރު ފެށުމާއި، ތަޢާރަފާއި، ކައުންސިލަރުން ހުވާކުރެއްވުމާއި، ހުވާގެ އިޤްރާރުގައި ކައުންސިލަރުން ސޮއިކުރެއްވުމާއި، އ.ތ.މ ކޮމިޓީގެ އިޤްރާރުގައި ސޮއިކުރެއްވުމެވެ. ޤައުމީ ސަލާމުން ދަރުބާރު ނިންމުމަށް ފަހު ކައުންސިލާއި އ.ތ.މ ކޮމިޓީގެ ފޮޓޯ ނެގުން ވެސް ވަނީ ތާވަލުކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ރ. ވާދޫ ކައުންސިލްގެ ތިން ގޮނޑިވެސް ކާމީޔާބުކުރީ އިދިކޮޅި އެމްޑީޕީންނެވެ.

ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ މުޙައްމަދު ރިޔާޟެވެ. އޭނާއަށް 249 ވޯޓު (62.72 އިންސައްތަ) ލިބުނުއިރު، ކޮންގްރެސް ޕާޓީގެ ޙުސައިން ޢަލީއަށް ލިބުނީ 148 ވޯޓު (37.28 އިންސައްތަ) އެވެ. އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ފާޠިމަތު ނުހާޔާ ޢަބްދުﷲ 213 ވޯޓު (54.48 އިންސައްތަ) ހޯދައިގެންނެވެ. އެ ގޮނޑިއަށް ވާދަކުރި ކޮންގްރެސް ޕާޓީގެ ޢާއިޝަތު ނުހާ (ނޮންނު) އަށް ލިބުނީ 178 ވޯޓު (45.52 އިންސައްތަ) އެވެ. ކައުންސިލް މެންބަރުގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ މިފްތާޙް މުޙައްމަދު 240 ވޯޓު (60.61 އިންސައްތަ) ހޯދައިގެންނެވެ. ކޮންގްރެސް ޕާޓީގެ ޢަބްދުﷲ އަންވަރު (އަންވޭ) އަށް ލިބުނީ 156 ވޯޓު (39.39 އިންސައްތަ) އެވެ.

ވާދޫގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ 459 މީހުންގެ ތެރެއިން 410 މީހުން ވޯޓުލިއެވެ. އެއީ 89.32 އިންސައްތައެވެ. މި އިންތިޚާބުގެ ނަތީޖާއާ އެކު ކުރިއަށް އޮތް ފަސް އަހަރަށް ރ. ވާދޫ ކައުންސިލް ހިންގާނީ އެމްޑީޕީންނެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.