“ފްރެންޑް 4" ދޯނި އަޑިއަށްދިއުން: ޤައުމީ ޚިދުމަތްތެރިންނާއި ކައްޕި ހޯދުމުގެ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް!
ދިވެހި ކަނޑުތަކުގެ ނާމާންކަމާއި ގުދުރަތީ ބާރުގެ ކުރިމަތީގައި، އިންސާނާގެ ނިކަމެތިކަން ހާމަކޮށްދިން ހިތާމަވެރި ހާދިސާއެއް މިދިޔަ ބުރާސްފަތި ދުވަހު (6 އޮގަސްޓް) ވަނީ ހިނގާފައެވެ. ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި، ކަނޑުގެ ގަދަ ރާޅުތަކުގެ ތެރެއަށް ޣަރަގުވެ ދިޔަ ހާދިސާއަކީ ދިވެހި ކޮންމެ ދަރިއެއްގެ ލޮލުން ކަރުނަ ހިލުވާލި ހިތާމަވެރި ޚަބަރެކެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހުން ތިއްބެވެ. ދޯނި ދިޔަވަމުންދާކަމުގެ މައުލޫމާތު ލިބުމާއެކު، ސިފައިންނާއި ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، އުޅަނދާއި މީހުން ސަލާމަތްކުރުމަށް ސަލާމަތީ ބާރުތަކުން ފުރާނަ އަތްމައްޗަށް ލައިގެން ހަރަކާތްތެރިވަމުން ދަނިކޮށް، ބޮޑެތި ރާޅުތަކުގެ ތެރެއަށް ދޯނި ވަނީ އަޑިއަށް ގޮސްފައެވެ.
މި ހާދިސާގައި ހަތް މީހަކު ސަލާމަތްކުރެވުނު ނަމަވެސް، މުޅި ގައުމު ރޮއްވާލީ ގެއްލުނު ތިން މީހުންގެ ތަފްސީލާއެކުއެވެ. ގެއްލިގެން ހޯދަމުންދަނީ އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ޤައުމީ ޙިދުމަތުގައި އުޅުނު ސިފައިންގެ ބޭކަލަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ހިތްވަރުގަދަ ކައްޕިއެވެ.

ގެއްލުނު ތިން ފުރާނަ ހޯދުމަށް ފަށާފައިވާ "ސާޗް އެންޑް ރެސްކިއު" އޮޕަރޭޝަން މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެމްއެންޑީއެފުން އާންމުކުރި އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު:
ވައިގެ މަގުން: 6112 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. މި މަސައްކަތުގައި ޒަމާނީ ޔޫއޭވީ (ޑްރޯން) ތަކާއި މޯލްޑިވިއަންގެ ފްލައިޓްތައް ދަނީ ހުއްޓުމެއްނެތި ބޭނުންކުރަމުންނެވެ.
ކަނޑުމަގުން: ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ބޭނުންކޮށްގެން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާ ފާސްކޮށްފައެވެ.
ކުރިން ބެލުނު ސަރަހައްދުތަކަށް ވުރެ މިހާރު ބަލާ ސަރަހައްދު ބޮޑުކޮށްފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.
ގެއްލިފައިވާ ތިން އަޚުންގެ އާއިލާތަކުން އިންތިޒާރުކުރަމުން އެދަނީ އުންމީދީ ޚަބަރަކަށެވެ. އެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެ، ކޮންމެ ދިވެއްސެއްގެވެސް މިއަދުގެ ދުއާއަކީ،ގެލިގެން ހޯދަމުންދާ ތިން ފުރާނަ މާތްﷲ ގެ ހެޔޮރަހުމަތްފުޅާއި އެކު ހެޔޮހާލުގައި ފެނުމެވެ.
ޤައުމީ ލޯތްބާއި އިންސާނިއްޔަތުކަމުގެ މި މަތިވެރި މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ! އާމީން
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން