Loading…
ޚަބަރު

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ
މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އިޓަލީ ސަރުކާރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އޭގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު މިއަދު ވަނީ ފެނިފައެވެ. މި ހަށިގަނޑުތައް ފެނިފައިވަނީ އެމީހުން ޑައިވްކުރަން ފޭބި ނުރައްކާތެރި ހޮހޮޅައިގެ ތެރެއިންނެވެ. މިހާރު މި ހަށިގަނޑުތައް ހުރި ތަން ދެނެގަނެވިފައިވީ ނަމަވެސް، ކަނޑުއަޑީގެ ހޮހޮޅައިން އެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް އަދި ނުނިމެއެވެ. އެހެންކަމުން ކުރިއަށް އޮތް ޑައިވްތަކުގައި އެ ހަށިގަނޑުތައް ނެގުމަށް ރާވާފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
  • ގެއްލުނު ފަތުރުވެރިންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު ހޮހޮޅައެއްގެ ތެރެއިން ފެނިއްޖެއެވެ
  • މިއީ އެމްއެންޑީއެފާއި ފުލުހުން އަދި އިޓަލީގެ ތަޖުރިބާކާރުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ
  • ހަށިގަނޑުތައް ފެނިފައިވަނީ އެމީހުން ޑައިވްކުރަން ފޭބި ނުރައްކާތެރި ހޮހޮޅައިގެ ތެރެއިންނެވެ
  • ހަށިގަނޑުތައް ހޮހޮޅައިން ބޭރަށް ނެރުމުގެ މަސައްކަތް ކުރިއަށް އޮތް ޑައިވްތަކުގައި ކުރާނެއެވެ

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެއެވެ.

މިމީހުންގެ ހަށިގަނޑު ހޯދުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. ގެއްލުނު މީހުންގެ ތެރެއިން ހޯދަމުން ދިޔަ 4 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ކަށަވަރު ކޮށްދެވާފައެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ވިދާޅުވީ، ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށެވެ. އަދި ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށެވެ.

މިމަސައްކަތުގައި އެހީވުމަށް އިޓަލީ ސަރުކާރުން ހަމަޖައްސައިގެން ފިންލެންޑުގެ ތަޖުރިބާކާރު 3 ޑައިވަރުން ރާއްޖެއަށް ވަނީ އައިސްފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ފިންލެންޑުން ރާއްޖެއައި ޓީމަކީ މިފަދަ ނުރައްކާތެރި އޮޕަރޭޝަންތަކުގައި ތަޖުރިބާ ހުރި ޓީމެއް ކަމަށެވެ. އަދި އެ ޑައިވަރުންނަކީ، ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާފައިވާ މިފަދަ މިޝަންތަކުގައި މަސައްކަތްކޮށްފައިވާ ބައެއް ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، ފިންލެންޑުގެ ޓީމުން އައީ އޮޕަރޭޝަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކޮށްގެން ކަމަށެވެ. މި އޮޕަރޭޝަނުގައި ކޯސްޓްގާޑާއި ފުލުހުންގެ ޚިދުމަތުގެ ޑައިވަރުންވެސް ހަރަކާތްތެރިވާނެކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، އެ ފަރާތްތަކުން ޑައިވްކުރާނީ ފިންލެންޑުގެ ޓީމަށް އެހީވުމަށް ކަމަށެވެ. އަދި އެ ޑައިވަރުން ފުނަށް ޑައިވްނުކުރާނެ ކަމަށްވެސް ވިދާޅުވިއެެވެ.

މީގެ އިތުރުން ފިންލެންޑުގެ ޑައިވަރުންގެ ޓީމަށް ދިވެހި ދެ ކުންފުންޏަކުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި، އެ ޓީމު ރާއްޖެއައީ މިފަދަ މިޝަންތަކުގައި ބޭނުންވާނެ ޒަމާނީ ގިއަރުތައް ހިފައިގެންކަންވެސް އިސްތަރުޖަމާނު ފާހަގަކުރެއްވިއެެވެ.

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ފަށާފައެވެ. މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ދިވެހި ސިފައިންގެ ޑައިވަރެއްވެސް ވަނީ، އޮޕަރޭޝަނުގެ ތެރެއިން ހާލު ދެރަވެ ނިޔާވެފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.