ރ. ވާދޫ ފެނާއި ނަރުދަމާގެ މަސައްކަތް އައު ކޮންޓްރެކްޓަރަކާ ހަވާލުކޮށްފި
ރ. ވާދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ކުރިއަށް ނުގެންދެވި ލަސްވުމާ ގުޅިގެން، އެ މަސައްކަތް އައު ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކޮށްފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމު ފަރާތަކުން ހުށަހެޅި ރިކުއެސްޓަކަށް ޖަވާބު ދެމުން މިނިސްޓްރީން ބުނެފައިވަނީ، މީގެ ކުރިން މި މަސައްކަތް ހަވާލުކޮށްފައިވާ އެޒްރޯވް މޯލްޑިވްސް އަށް އެއްބަސްވެފައިވާ މުއްދަތަށް މަސައްކަތް ނިންމިފައި ނުވާތީ، އެ ކުންފުންޏާއެކު ވެފައިވާ ކޮންޓްރެކްޓް 24 މާރިޗު 2026 ގައި ބާތިލުކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއު އަލުން ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަލްޓެކް މޯލްޑިވްސް އާއެވެ. މި ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 02 އޭޕްރިލް 2026 ގައެވެ.
މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އަލްޓެކް މޯލްޑިވްސްއިން ހުށަހަޅަންޖެހޭ ފައިނޭންޝަލް ޑޮކިއުމެންޓްތަކާއި ކްރެޑިޓް ފެސިލިޓީ ހަމަޖެހިފައިވާ ކަމުގެ ލިޔެކިޔުންތައް ހުށަހެޅުމާއެކު، ރ. ވާދޫ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އަލުން ފެށިގެންދާނެއެވެ.
މި މައުލޫމާތަކީ ރ. ވާދޫ އޭޝިޔާ، ޔާމީން ފައިސަލް ހުށަހެޅި ރިކުއެސްޓަކާ ގުޅިގެން މިނިސްޓްރީން ދީފައިވާ ރަސްމީ ޖަވާބެކެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން