Loading…
ކުޅިވަރު

ފްރާންސް ޖެހިލުންވާ ޓީމެއް އޮތްނަމަ އެ ޓީމަކީ ސްޕެއިން: ޔަމާލް

ފްރާންސް ޖެހިލުންވާ ޓީމެއް އޮތްނަމަ އެ ޓީމަކީ ސްޕެއިން: ޔަމާލް

ލަމީން ޔަމާލް

ވޯލްޑް ކަޕުގައި ފްރާންސް ޓީމުން ޖެހިލުންވާ އެއްވެސް ޓީމެއްް އޮތްނަމަ އެވާނީ ސްޕެއިންއަށް ކަމަށް ޤަބޫލުކުރާކަމަށް ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފިއެވެ. ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ސްޕެއިން ނުކުންނަންޖެހޭއިރު އެ މެޗު ވެގެންދާނީ ތާރީޚީ މެޗަކަށެވެ. އެހެންކަމުން މި މެޗަކީ ފްރާންސަށް ވަރަށް ޕްރެޝަރު ބޮޑުވާނެ މެޗެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް އޭގެ އިދިކޮޅަށް ޤަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފްރާންސް އަދި ސްޕެއިން ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނެ ދެ ޓީމެއް އަދި ޔަޤީނެއް ނުވެއެވެ.
  • ވޯލްޑް ކަޕުގައި ފްރާންސް ޓީމުން ޖެހިލުންވާ އެއްވެސް ޓީމެއްް އޮތްނަމަ އެވާނީ ސްޕެއިންއަށް ކަމަށް ޤަބޫލުކުރާކަމަށް ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފި
  • ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ސްޕެއިން ނުކުންނަންޖެހޭއިރު އެ މެޗު ވެގެންދާނީ ތާރީޚީ މެޗަކަށް
  • އެހެންކަމުން މި މެޗަކީ ފްރާންސަށް ވަރަށް ޕްރެޝަރު ބޮޑުވާނެ މެޗެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން
  • ނަމަވެސް އޭގެ އިދިކޮޅަށް ޤަބޫލުކުރާ މީހުން ވެސް މަދެއް ނޫން
  • މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފްރާންސް އަދި ސްޕެއިން ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނެ ދެ ޓީމެއް އަދި ޔަޤީނެއް ނުވޭ

ވޯލްޑް ކަޕުގައި ފްރާންސް ޓީމުން ޖެހިލުންވާ އެއްވެސް ޓީމެއްް އޮތްނަމަ އެވާނީ ސްޕެއިންއަށް ކަމަށް ޤަބޫލުކުރާކަމަށް ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފިއެވެ،

ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ފްރާންސާއި ސްޕެއިން ހޯދި މޮޅާއެކު ސެމީއަށް މި ދެ ޓީމު މިވަނީ ދަތުރުކޮށްފައެވެ. އަދި ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ސްޕެއިން ނުކުންނަންޖެހޭއިރު އެ މެޗު ވެގެންދާނީ ތާރީޚީ މެޗަކަށެވެ.

ފްރާންސަކީ މިފަހަރުގެ ވޯލްޑް ކަޕުގެ ވެސް ތަށި އުފުލާލާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ އެއް ޓީމެވެ. އެގޮތުން ނިމިދިޔަ 2 ވޯލްޑް ކަޕުގެ ވެސް ފައިނަލުގައި ފްރާންސް ކުޅެފައިވާއިރު 2018ވަނަ އަހަރު ފްރާންސް ވަނީ ވޯލްޑް ކަޕުގެ ތަށި އުފުލާލައިފައެވެ. އަދި 2022ވަނަ އަހަރުގެ ފައިނަލުގައި އާޖެންޓީނާ ކައިރިން ބަލިވެ ވަނީ ރަނަރަޕްކަން ހޯދައިފައެވެ.

May be an image of football, soccer and text

މިއަހަރުގެ ސެމީ ފައިނަލުގައި ފްރާންސް އަދި ސްޕެއިން ނުކުންނައިރު މި މެޗުގައި އެންމެ ޕްރެޝަރު ބޮޑުވާނީ ކޮން ޓީމަކަށްތޯ ގިނަ ބަޔަކު ހިތުގައި ދަނީ ސުވާލު އުފެދެމުންނެވެ. އެއީ ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ.

މުބާރާތުގެ ރަން ބޫޓަށް އެންމެ ކައިރިން ވާދަކުރާ ކީލިއަން އެމްބާޕޭއާއެކު ފްރާންސް މި މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެހެނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފްރާންސް ބައްދަލުކުރި ސެނެގާލާއި ނޯވޭ އަދި ޢިރާޤާއެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗު ވެސް ފްރާންސުން ކާމިޔާބުކުރީ ވަރަށް ފަސޭހަކަމާއެކުގައެވެ،

ކީލިއަން އެމްބާޕޭ، ފްރާންސް
ކީލިއަން އެމްބާޕޭ، ފްރާންސް

އެއަށްފަހު މުބާރާތުގެ ގަދަ 32ގައި ފްރާންސް ނުކުތީ ސްވިޑެންއާ ދެކޮޅަށެވެ. އެ މެޗަކީ ފްރާންސަށް މާ އުނދަގޫ މެޗަކަށް ނުވިއެވެ. 3-0އިން ސްވިޑެން ބަލިކޮށް މުބާރާތުގެ ގަދަ 16އަށް ވަނީ ދަތުރުކޮށްފައެވެ. އަދި ގަދަ 16ގައި ޕެރަގުއޭ ބަލިކުރީ 1-0އިންނެވެ. ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗަކީ ފްރާންސަށް އުނދަގޫވި މެޗެކެވެ. އެއީ ފްރާންސުގެ ކުޅުމުގެ ފެންވަރު ދަށް ވެގެނެއް ނޫނެވެ. އަދި ޕެރަގުއޭގެ ކުޅުމުގެ ފެންވަރު މާ މޮޅީކީ ވެސް ނޫނެވެ. އެހެނެއްކަމަކު ޕެރަގުއޭގެ ހަޑި ކުޅުމާ ފްރާންސްގެ ކުޅުން ނުބައްދަލުވީމައެވެ.

އެއަށްފަހު ކުއާޓާ ފައިނަލުގައި މޮރޮކޯގެ މައްޗަށް ކުރި ހޯދައި ފްރާންސް މުބާރާތުގެ ސެމީގެ ޖާގަ ކަށަވަރުކުރީއެވެ.

ސްޕެއިންއަކީ އަދި މުޅިން ތަފާތު މޮޅު ކުޅުމެއްގައި ހިފަހައްޓައި، މެޗަކަށްވުރެ މެޗެެއްގެ ކުޅުން ރަނގަޅުކުރަމުން އަންނަ ޓީމެކެވެ. އެގޮތުން ދުނިޔޭގެ އެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެންމެ ޒުވާން އެއް ކުޅުންތެރިޔާ ކަމުގައިވާ ލަމީން ޔަމާލް އޭނާގެ ފުރަތަމަ ވޯލްޑް ކަޕުގައި ސްޕެއިން ތަމްޞީލުކުރަމުންދާ މި މުބާރާތުގައި ސްޕެއިން ކޮޅަށް ލަނޑެއް ޖެހުނީ ހަމައެކަނި ބެލްޖިއަމްއަށެވެ. އެއީ ކުއާޓާ ފައިނަލުގައެވެ.

ސްޕެއިން ގްރޫޕް ސްޓޭޖުގައި ވާދަކުރީ ކާބޯ ވާޑޭއާއި ސަޢޫދީ ޢަރަބިއާގެ އިތުރުން އުރުގުއާއީއާއެވެ. އޭގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ އަދި ބައިކޮޅަށް ލަނޑެއް ވެސް ވަނަނުދީ މުބާރާތުގެ ގަދަ 32އަށް ދަތުރުކުރީއެވެ.

މިކޭލް މެރީނޯ، ސްޕެއިން
މިކޭލް މެރީނޯ، ސްޕެއިން

ގަދަ 32ގައި ސްޕެއިން ނުކުތީ އޮސްޓްރިއާއާ ދެކޮޅަށެވެ. އެ މެޗު ފަސޭހަކަމާއެކު ސްޕެއިނުން ވަނީ ކާމިޔާބުކޮށްފައެވެ. އެއަށްފަހު ގަދަ 16ގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު އޭނާގެ ޕޯޗުގަލް ކަޓުވާލައި ސްޕެއިނުން މުބާރާތުގެ ތަށްޓާ ގާތަށް ވަނީ ޖެހިލައިފައެވެ.

ކުއާޓާ ފައިނަލުގައި ބެލްޖިއަމް ކައިރިން 2-1އިން ހޯދި މޮޅާއެކު ސެމީއަށް ސްޕެއިން ދަތުރުކޮށްފައިވާއިރު އެންމެ ފަހުން ސްޕެއިން އަދި ފްރާންސް ބައްދަލުކުރި ތިން މެޗު ވެސް ކާމިޔާބުކުރީ ސްޕެއިންއެވެ. އެހެނީ 2024ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ސްޕެއިނުން ފްރާންސް ބަލިކުރީ 0-2އިންނެވެ. އަދި އޭގެފަހުން ހަމަ އެ އަހަރުގެ ޔޫއެފާ ޔޫރޯގެ ސެމީ ފައިނަލުގައި މި ދެ ޓީމު ބައްދަލުކޮށް ސްޕެއިނުން ފްރާންސް ކަޓުވާލީ 1-2އިންނެވެ.

ލަމީން ޔަމާލް، ސްޕެއިން
ލަމީން ޔަމާލް، ސްޕެއިން

އެންމެ ފަހުން ފްރާންސް އަދި ސްޕެއިން ކުރިމަތިލީ 2025ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގައެވެ. އެ މެޗު ވެސް ވަނީ ސްޕެއިން ކާމިޔާބުކޮށްފައެވެ. ނަތީޖާއަކީ 5-4އެވެ.

އެހެންކަމުން މި މެޗަކީ ފްރާންސަށް ވަރަށް ޕްރެޝަރު ބޮޑުވާނެ މެޗެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް އޭގެ އިދިކޮޅަށް ޤަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ. ސަބަބަކީ އެންމެ ފަހުން ކުޅުނު މެޗުތަކުން ފްރާންސް ބަލިވެފައި އޮތް އޮތުމެވެ. ފްރާންސަށް ސްޕެއިންގެ ކުޅުމާ ވައްޓަފާޅި އެނގޭނެކަމަށާއި ހިފަހައްޓާނެ މަގުތައް ހުންނާނެކަމަށްވާތީއެވެ.

ލަމީން ޔަމާލް، މީޑީއާއަށް އިންޓްވިއުދެނީ --ފޮޓޯ: ފެބްރީޒިއޯ ރޮމާނޯ
ލަމީން ޔަމާލް، މީޑީއާއަށް އިންޓްވިއުދެނީ --ފޮޓޯ: ފެބްރީޒިއޯ ރޮމާނޯ

"އަހަރުމެން ބިރުގަންނާކަށް ނުޖެހޭ، ފްރާންސާއި ސްޕެއިންއަކީ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ދެ ޓީމުކަން ވަރަށް ސާފު... އަހަރެން ދެކޭ ގޮތުގައި ފްރާންސަކީ އެންމެ ވަރުގަދަ އެއް ޓީމު" ޔަމާލް ބުނެފައިވެއެވެ،

މުބާރާތުގެ ފޯރިގަދަވަމުންދާއިރު މި މުބާރާތަކީ ޖުމްލަ 48 ޓީމަކުން ބައިވެރިވި ބޮޑު މުބާރާތެކެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފްރާންސް އަދި ސްޕެއިން ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނެ ދެ ޓީމެއް އަދި ޔަޤީނެއް ނުވެއެވެ.

ފްރާންސް އަދި ސްޕެއިން ބައްދަލުކުރާ މެޗު އޮންނާނީ ޖުލައި 14ވާ އަންގާރަ ދުވަހުގެރޭ (ރާއްޖެ ގަޑިން) 12:00ގައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.