ކަބޯ ވާޑޭއަށް ހިތްދަތި ނިމުމެއް؛ އުނދަގޫ މޮޅަކާއެކު އާޖެންޓީނާ ގަދަ 16 ޔަޤީންކޮށްފި
- ވޯލްޑް ކަޕުގެ ގަދަ 32ގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި ކަބޯ ވާޑޭ ބައްދަލުކުރި މެޗު އާޖެންޓީނާ ކާމިޔާބުކޮށް، މުބާރާތުގެ ގަދަ 16އަށް ދަތުރުކޮށްފި
- ދެ ޓީމުގެ ފަރާތުން ވެސް މެޗުގައި ފެނިގެންދިޔައީ ހަމަހަމަ މޮޅު ކުޅުމެއް
- ވޯލްޑް ކަޕުގައި އަލަށް ކުޅޭ ކަބޯ ވާޑޭގެ ފަރާތުން މުބާރާތުގައި އަދި މި މެޗުގައި ވެސް ދެއްކި ކުޅުމަކީ އައްސަރިބަހާ ސާބަސް ޙައްޤު ކުޅުމެއް
- މި މެޗުގައި މެސީ ކާމިޔާބުކުރި ލަނޑާއެކީ މިހާރު މިވަނީ ޖެހިޖެހިގެން 8 ވޯލްޑް ކަޕު މެޗެއްގައި ލަނޑު ޖެހުމުގެ ރެކޯޑު އޭނާ ހަދައިފައި
- ގަދަ 16ގައި އާޖެންޓީނާއިން ނުކުންނާނީ މިޞްރާ ދެކޮޅަށް
ފީފާ ވޯލްޑް ކަޕުގެ ގަދަ 32ގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި ކަބޯ ވާޑޭ ބައްދަލުކުރި މެޗު 2-3ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކޮށް، މުބާރާތުގެ ގަދަ 16އަށް ދަތުރުކޮށްފިއެވެ.
ދެ ޓީމުގެ ފަރާތުން ވެސް މެޗުގައި ފެނިގެންދިޔައީ ހަމަހަމަ މޮޅު ކުޅުމެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. 0-1ގެ ނަތީޖާގައި އާޖެންޓީނާ ކުރީގައި އޮވެ މެޗުގެ ފުރަތަމަ ހާފު ވަނީ ނިމިފައެވެ.
ދެވަނަ ހާފުގައި ކަބޯ ވާޑޭގެ ކުޅުމުގެ ފެންވަރު އިތުރަށް ގަދަކުރިއެވެ. ޑިފެންސު ލައިނާ އެއްވަރަށް އާޖެންޓީނާ ކޮޅަށް ނުރައްކާތެރި ޙަމަލާތަކެއް އުފެއްދޭތޯ ކުރި މަސައްކަތުން އެ ޓީމުން ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 59ވަނަ މިނެޓުގައި ޑެރޯއީ ޑުއަރުތޭގެ ރީތި ގޯލަކުންނެވެ.
މެޗުގެ ފުރިހަމަ ވަޤުތު ހަމަވިއިރު ދެ ޓީމު 1-1އިން އެއްވަރުވެފައިވާތީ 15 މިނެޓުގެ އިތުރު ދެ ހާފުގެ ކުޅުން ވަނީ ކުޅެފައެވެ. އެގޮތުން ކުޅެވުނު ފުރަތަމަ ހާފުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި އާޖެންޓީނާއިން އަނެއްކާވެސް ލީޑު ނެގިއެވެ. ލިސަންދުރޯ ކާމިޔާބުކޮށްދިން މި ލަނޑާއެކު މެޗުގެ ކޮންޓްރޯލް އާޖެންޓީނާއިން ނެގި ނަމަވެސް އިދިކޮޅުގައި އޮތީ އާދައިގެ ޓީމެއް ނޫނެވެ. އިސާހިތަކު ކަބޯ ވާޑޭއިން ވަނީ 2-2އަށް ނަތީޖާ ބަދަލުކޮށްލައިފައެވެ. އޭރިއާ ބޭރުން ލޮޕޭސް ފޮނުވާލީ ރީތި ޙަމަލާއެއް ގޯލުގެ ކަނަށް އަމާޒުވެ ކާމިޔާބުކުރީއެވެ.

ފޯރިގަދަ މި މެޗު ނިމިގެންދިޔައީ މެޗު ނިމެން ކައިރިވެފައިވަނިކޮށް އާޖެންޓީނާގެ ކޯނަރަކުން ކަބޯ ވާޑޭގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑާއެކު އާޖެންޓީނާ ކުރި ހޯދައިގެންނެވެ.
ވޯލްޑް ކަޕުގައި އަލަށް ކުޅޭ ކަބޯ ވާޑޭގެ ފަރާތުން މުބާރާތުގައި އަދި މި މެޗުގައި ވެސް ދެއްކި ކުޅުމަކީ އައްސަރިބަހާ ސާބަސް ޙައްޤު ކުޅުމެކެވެ. ޚާއްޞަކޮށް ޑިފެންޑަރުންނާއި ގޯލްކީޕަރު ވޮޒީނިއާ ހިފެހެއްޓި ޙަމަލާތަކުގެ ވާހަކަ ގިނަ ބަޔަކު ދައްކާނެއެވެ.

މި މެޗުގައި މެސީ ކާމިޔާބުކުރި ލަނޑާއެކީ މިހާރު މިވަނީ ޖެހިޖެހިގެން 8 ވޯލްޑް ކަޕު މެޗެއްގައި ލަނޑު ޖެހުމުގެ ރެކޯޑު އޭނާ ހަދައިފައެވެ.
ކަބޯ ވާޑޭ މުބާރާތުގެ ގަދަ 32އަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އަދި މޮޅު ވެސް ނުވެއެވެ. އެހެނީ ކުޅުނު ތިން މެޗު ވެސް އެއްވަރުކޮށްލައިގެންނެވެ.
އެއާ ޚިލާފަށް އާޖެންޓީނާ މިހާ ހިސާބަށް އައީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
ގަދަ 16ގައި އާޖެންޓީނާއިން ނުކުންނާނީ މިޞްރާ ދެކޮޅަށެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން