ޑެމްބެލޭގެ ހެޓް-ޓްރިކާއެކު ގްރޫޕުގެ އެއްވަނައިގައި ފްރާންސް ދެވަނަ ބުރަށް
- ފްރާންސް، ގްރޫޕް ސްޓޭޖުގެ 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ދެވަނަ ބުރަށް ދަތުރުކޮށްފި
- ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ފްރާންސް ނޯވޭއާ ވާދަކޮށް ވަނީ 4-1އިން މެޗު ކާމިޔާބުކޮށްފައި
- މެޗުގެ ފުރަަތަމަ ހާފުގައި ޑެމްބެލޭ ވަނީ ހެޓް-ޓްރިކް ހަދައިފައި
- ފްރާންސް ކޯޗުގެ ޢާއިލާ މީހެއްގެ ޖަނާޒާގައި ބައިވެރިވާންޖެހޭތީ މެޗުގައި ޑިޑިއޭ ޑިސްޗޭމްޕްސް ނެތް
- ފްރާންސް ގަދަ 32ގައި ބައްދަލުކުރާނެ ޓީމެއް ޔަޤީންވާނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނީމަ
އެންމެ ފަހުގެ ވޯލްްޑް ކަޕުގެ ރަނަރަޕް ފްރާންސް، ގްރޫޕް ސްޓޭޖުގެ 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ފްރާންސް ނޯވޭއާ ވާދަކޮށް ވަނީ 4-1އިން މެޗު ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަަތަމަ ހާފުގައި ޑެމްބެލޭ ވަނީ ހެޓް-ޓްރިކް ހަދައިފައެވެ. މެޗުގައި ފްރާންސްގެ ފުރަތަމަ ލަނޑު ޑެމްްބެލޭ ކާމިޔާބުކުރީ 7ވަނަ މިނެޓުގައެވެ. އަދި އެއަށްފަހު ދެވަނަ ލަނޑު 20ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވާއިރު ހަމަ އެ ދަނޑިވަޅުގައި 21ވަނަ މިނެޓުގެ ތެރޭގައި ނޯވޭއިން ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނޯވޭޭއަށް އާސްގާޑް ކާމިޔާބުކުރި ލަނޑަށްފަހު ފްރާންސުން ތިންވަނަ ލަނޑު ކާމިޔާބުކުރީ 32ވަނަ މިނެޓުގައެވެ.
3-1އިން ނިންމާލި ފުރަތަމަ ހާފަށްފަހު ދެވަނަ ހާފުގައި ފްރާންސްގެ ޑުއޭ ވަނީ އިތުރު ލަނޑެއް ޖަހައި 4-1އަށް ނަތީޖާ ބަދަލުކޮށްފައެވެ. މި ނަތީޖާގައި އޮވެ މެޗު ފްރާންސުން ނިންމާލީ ދެވަނަ ބުރުގެ ޖާގަ އެއްވެސް ހާސްކަމެއް ނެތި ކަށަވަރުކޮށްގެންނެވެ.
މި މެޗުގައި ޑެމްބެލޭ މި ހެދީ ތާރީޚީ ހެޓް-ޓްރިކެކެވެ. ވޯލްޑް ކަޕުގައި ފަހުގެ ތާރީޚެއްގައި ފުރަތަމަ ހާފުގައި ހެޓް-ޓްރިކް ހެދި މިއީ ފުރަތަމަ ކުޅުންތެރިޔާއެވެ. އެހެނީ އެންމެ ފަހުން ވޯލްޑް ކަޕެއްގެ މެޗެއްގެ ފުރަތަމަ ހާފުގައި ހެޓް-ޓްރިކެއް ހަދާފައިވަނީ 1994ގައެވެ. އެއީ ރަޝިއާއާއި ކެމެރޫން ބައްދަލުކުރި މެޗެއްގައި އޯލެއް ސަލެންކޯއެވެ.
ފްރާންސް ކޯޗުގެ ޢާއިލާ މީހެއްގެ ޖަނާޒާގައި ބައިވެރިވާންޖެހޭތީ މެޗުގައި ޑިޑިއޭ ޑިސްޗޭމްޕްސް ނެތެވެ. ނަމަވެސް ފްރާންސް ކުޅުންތެރިންގެ ފަރާތުންް އެ ފަޅުކަމެއް ނުފެނެއެވެ.
މި ގްރޫޕުގެ ދެވަނައިގައި ނޯވޭ މިވަނީ ގަދަ 32އަށް ދަތުރުކޮށްފައެވެ. ގަދަ 32ގައި ނޯވޭ ނުކުންނާނީ އައިވަރީ ކޯސްޓާ ދެކޮޅަށެވެ. ފްރާންސް ގަދަ 32ގައި ބައްދަލުކުރާނެ ޓީމެއް ޔަޤީންވާނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނީމައެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން