ގްރޫޕުގެ އެންމެ ފުލުގައި އޮތް ދެކުނު އެފްރިކާއިން ކޮރެއާ ބަލިކޮށް ދެވަނަ ބުރަށް
- "ގްރޫޕް އޭ"ގެ އެންމެ ފުލުގައި އޮތް ދެކުނު އެފްރިކާއިން ތިންވަނަ މެޗުގައި މިއަދު ދެކުނު ކޮރެއާ ބަލިކޮށް މުބާރާތުގެ ގަދަ 32އަށް ދަތުރުކޮށްފި
- ދެކުނު އެފްރިކާއިން މެޗު ކާމިޔާބުކުރީ 1-0އިން
- މިއީ ވޯލްޑް ކަޕެއްގައި ދެކުނު އެފްރިކާ ދެވަނަ ބުރަށް ދިޔަ ފުރަތަމަ ފަހަރު
- މުބާރާތުގެ ގަދަ 32ގައި ދެކުނު އެފްރިކާއިން ނުކުންނަން ޖެހޭނީ ކެނަޑާއާ ދެކޮޅަށް
ފީފާ ވޯލްޑް ކަޕު 2026 - ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗު ކުޅެ ނިމުނުއިރު އެންމެ ޕޮއިންޓަކާއެކު "ގްރޫޕް އޭ"ގެ އެންމެ ފުލުގައި އޮތް ދެކުނު އެފްރިކާއިން ތިންވަނަ މެޗުގައި މިއަދު ދެކުނު ކޮރެއާ ބަލިކޮށް މުބާރާތުގެ ގަދަ 32އަށް ދަތުރުކޮށްފިއެވެ.
ދެކުނު އެފްރިކާއިން މެޗު ކާމިޔާބުކުރީ 1-0އިންނެވެ.
މެޗުގައި ގިނަ ވަޤުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ކޮރެއާއިންނެވެ. ނަމަވެސް 63ވަނަ މިނެޓުގައި ދެކުނު ކޮރެއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑާއެކު ގްރޫޕްގެ ދެވަނައިގައި 3 ޕޮއިންޓާއެކު އޮތް ކޮރެއާ ފަހަތަށް ޖައްސާލުމަށްފަހު ދެކުނު ކޮރެއާއިން މިވަނީ ދެވަނަ ބުރަށް ގޮސްފައެވެ.
ދެކުނު އެފްރިކާއިން މިހާތަނަށް 3 ވޯލްޑް ކަޕެއްގައި ވަނީ ކުޅެފައެވެ. އެއީ 1998ވަނަ އަހަރާއި 2002ވަނަ އަހަރުގެ އިތުރުން 2010ގައެވެ. 2010ގައި އަމިއްލަ ޤައުމުގައި ހޯސްޓްކުރި މުބާރާތަށްފަހު އެ ޓީމުން ވޯލްޑް ކަޕަށް ކޮލިފައިވި މިއީ ފުރަތަމަ ފަހަރެވެ. އަދި އެމީހުންގެ 4ވަނަ ވޯލްޑް ކަޕު ވެސްމެއެވެ.

ވޯލްޑް ކަޕުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވަނަ ބުރަށް ދެކުނު އެފްރިކާއިން ޖާގަ ހޯދާފައިވާއިރު ކޮރެއާ ފާހަގަކުރެވެނީ ވޯލްޑް ކަޕުގެ ތާރީޚުގައި ވެސް ރަނގަޅު ހިސާބުތަކަށް ދަތުރުކޮށްފައިވާ މޮޅު ޓީމެއްގެ ގޮތުގައެވެ.
ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް މި ގްރޫޕުގެ ޓީމުތައް ކުޅެ ނިންމާލިއިރު ގްރޫޕުގެ އެއްވަނައިގައި އޮތީ 9 ޕޮއިންޓާއެކު މެކްސިކޯއެވެ. އަދި ދެވަނައިގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އޮތްއިރު ތިންވަނައިގައި އޮތީ 3 ޕޮއިންޓާއެކު ދެކުނު ކޮރެއާއެވެ. އަދި ހަތަރުވަނައިގައި އޮތީ 1 ޕޮއިންޓާއެކު ޗެކިޔާއެވެ.
މުބާރާތުގެ ގަދަ 32ގައި ދެކުނު އެފްރިކާއިން ނުކުންނަން ޖެހޭނީ ކެނަޑާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޖޫން 28ވާ އާދީއްތަ ދުވަހުގެރޭ (ރާއްޖެ ގަޑިން) 00:00ގައެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން