މުބާރާތުގެ ފެށުން ހިތްދަތިވި ބްރެޒިލްއާއި މޮރޮކޯ ވެސް ދެވަނަ ބުރުން ޖާގަ ހޯދައިފި
- ވޯލްޑް ކަޕުގައި "ގްރޫޕް ސީ"ގެ ހުރިހާ މެޗެއް ނިމި ދެވަނަ ބުރުގެ ޖާގަ ބްރެޒިލްއާއި މޮރޮކޯއަށް ކަށަވަރުވެއްޖެ
- އިން ބްރެޒިލް މެޗު ކާމިޔާބުކުރީ ވިނީޝިއަސްގެ ދެ ލަނޑާއި ކޫނިޔާގެ ލަނޑަކުން
- ގްރޫޕުގެ އެއްވަނައިގައި 7 ޕޮއިންޓާއެކު ބްރެޒިލް ގަދަ 32އަށް ދަތުރުކޮށްފައިވާއިރު ސްކޮޓްލޭންޑަށް ލިބިފައިވަނީ 3 ޕޮއިންޓު
ފީފާ ވޯލްޑް ކަޕުގައި "ގްރޫޕް ސީ"ގެ ހުރިހާ މެޗެއް ނިމި ދެވަނަ ބުރުގެ ޖާގަ ބްރެޒިލްއާއި މޮރޮކޯއަށް ކަށަވަރުވެއްޖެއެވެ.
ގްރޫޕުގެ އެންމެ ފަހު މެޗުގައި ބްރެޒިލުން ނުކުތީ ސްކޮޓްލޭންޑާ ދެކޮޅަށެވެ. މެޗުގައި ބްރެޒިލްގެ ފަރާތުން ރީތި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
3-0އިން ބްރެޒިލް މެޗު ކާމިޔާބުކުރީ ވިނީޝިއަސްގެ ދެ ލަނޑާއި ކޫނިޔާގެ ލަނޑަކުންނެވެ.
މި މެޗުގައި ބްރެޒިލުން ފެންނަން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި އެ ޓީމުގެ ތަރި، އަދި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ނޭމާ ޖޫނިއަރ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތެވެ. އޭނާއަށް ވަނީ އަނިޔާގެ ސަބަބުން މުބާރާތުގެ ފުރަތަމަ ދެ މެޗު ގެއްލިފައެވެ.

ފުދޭވަރެއްގެ ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ލަނޑު ޖަހާނެ ރީތި، އަދި ރަނގަޅު އެތައް ފުރުޞަޠުތަކެއް ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.
މި ގްރޫޕުގެ ދެވަނައިގައި އޮތް މޮރޮކޯއާއި ހެއިޓީ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ވެގެންދިޔައީ ވަރަށް ވެސް ފޯރިގަދަ ހާފަކަށެވެ. އެހެނީ މެޗުގައި ފުރަތަމަ ލީޑު ނެގީ ހެއިޓީއެވެ. އެ ނަތީޖާގައި އޮއްވާ މޮރޮކޯގެ އަޝްރަފް ޙަކީމީގެ ލަނޑަކުން ނަތީޖާ ހަމަހަމަކުރިނަމަވެސް ހެއިޓީން ވަނީ ދެވަނަ ލަނޑު ޖަހައި އަނެއްކާވެސް ލީޑު ނަގައިފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ މޮރޮކޯއިން ވެސް ދެވަނަ ލަނޑެއް ޖަހައި 2-2އަށް ނަތީޖާ އެއްވަރުކޮށްފައެވެ.

މޮރޮކޯ އަދި މިހާރު މުބާރާތާ ވަކިވެފައި އޮތް ހެއުޓީ ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގައި ހެއިޓީގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނެއެވެ. ނަތީޖާއަކަށްވީ މޮރޮކޯއިން އިތުރު ދެ ލަނޑު ކާމިޔާބުކޮށް 4-2އިން މެޗު ނިންމާލައި، ގްރޫޕުގެ ދެވަނަ ޓީމެއްގެ ގޮތުގައި މުބާރާތުގެ ގަދަ 32އަށް ދަތުރުކުރުމެވެ.
ގްރޫޕުގެ އެއްވަނައިގައި 7 ޕޮއިންޓާއެކު ބްރެޒިލް ގަދަ 32އަށް ދަތުރުކޮށްފައިވާއިރު ސްކޮޓްލޭންޑަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. އެ 3 ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައި ސްކޮޓްލޭންޑް އޮތްއިރު 4ވަނައިގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ހެއިޓީއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން