ޢިރާޤު ބަލިކޮށް ފްރާންސް ގަދަ 32އަށް
- ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ޢިރާޤު ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން ފްރާންސް ޖާގަ ހޯދައިފި
- ފްރާންސުން މެޗު ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުން
- ފްރާންސުގެ އަންތަރީސްކުރުވަނިވި ކުޅުމާއެކު މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު މި ގްރޫޕުގައި ދެން ހިމެނޭ ނޯވޭއާއި ސެނެގާލް ބައްދަލުކުރި މެޗުން ވަނީ ނޯވޭ ކުރި ހޯދައިފައި
- މިއާއެކު މި ދެ ޓީމު ވެސް މިވަނީ ގަދަ 32އަށް ދަތުރުކޮށްފައި
ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ފްރާންސާއި ޢިރާޤު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ފްރާންސުން ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުން ފްރާންސް ޖާގަ ހޯދައިފިއެވެ.
ފްރާންސުން މެޗު ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޢިރާޤަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. ނަތީޖާއަކަށްވީ ފްރާންސުން މޮޅު ކުޅުމެއް ދައްކައި ފަސޭހަ މޮޅަކުން މޮޅުވުމެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފްރާންސުން ލީޑު ނެގީ 14ވަނަ މިނެޓުގައި އެމްބާޕޭގެ ލަނޑަކުންނެވެ. ނަލަ ޙަމަލާއެއް ފޮނުވާލައި އެމްބާޕޭ ކާމިޔާބުކުރި މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާގައި އޮވެއެވެ.
ރޭ މެންދަމު (ރާއްޖެ ގަޑިން) 02:00ގައި ފެށުނު މި މެޗުގެ ފުރަތަމަ ހާފު ނިމި ދެވަނަ ހާފު ފެށުމާ ދޭތެރޭގައި ބޮޑު ލަސްތަކެއް ކުރިމަތިވިއެވެ. އެ ސަރަޙައްދުގެ މޫސުން ގޯސްވެ ވިދާ ގުގުރުމުގެ ސަބަބުން މެޗު ލަސްކޮށްލާފައި 2 ގަޑިއެއްހާއިރު ވުމަށްފަހު މެޗުގެ ދެވަނަ ހާފު ފެށުނީ ރޭ ފަތިހު 5 ޖަހަން ކައިރިވެފައިވަނިކޮށެވެ.
މެޗުގެ ދެވަނަ ހާފު ފެށި މާގިނައިރުތަކެއްނުވެ އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

އަދި ޢުޘްމާން ޑެމްބެލޭ ވަނީ 66ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި 3-0އަށް ނަތީޖާ ބަދަލުކޮށް ހަމަޖެހިލައިފައެވެ.
ފްރާންސުގެ އަންތަރީސްކުރުވަނިވި ކުޅުމާއެކު މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު މި ގްރޫޕުގައި ދެން ހިމެނޭ ނޯވޭއާއި ސެނެގާލް ބައްދަލުކުރި މެޗުން ވަނީ ނޯވޭ ކުރި ހޯދައިފައެވެ. އާރލިންގ ހާލަންޑާއި ހޯމްގްރެން ޕެޑާސެން ކާމިޔާބުކުރި ލަނޑުތަކާއެކު 3-2އިން ސެނެގާލް ބަލިކުރުމަށްފަހު 6 ޕޮއިންޓާއެކު މުބާރާތުގެ ދެވަނަ ބުރުން ނޯވޭއަށް މިވަނީ ޖާގަ ކަށަވަރުކުރެވިފައެވެ.

ނަމަވެސް މި ގްރޫޕުން އެއްވަނައިގައި ދެވަނަ ބުރަށް ދާނީ ކޮން ޓީމެއް ކަން ޔަޤީންވާނީ ގްރޫޕް ސްޓޭޖުގައި ދެން އޮތް މެޗަށްފަހުއެވެ. ފްރާންސާއި ނޯވޭ ވެސް މިވަޤުތު 6 ޕޮއިންޓާއެކު އޮތްއިރު މި ދެ ޓީމު ބައްދަލުކޮށް ކުރި ހޯދާ ޓީމެއް ގްރޫޕުގެ އެއްވަނައިގައި ދެވަނަ ބުރަށް ދާނެއެވެ.
ނޯވޭއާއި ފްރާންސް ބައްދަލުކުރާ ފޯރިގަދަ މެޗު އޮންނާނީ ޖޫން 26ވާ ހުކުރު ދުވަހުގެރޭ (ރާއްޖެ ގަޑިން) 12ޖަހާއިރުއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން