ހެއިޓީ ބަލިކޮށް ބްރެޒިލްގެ ސަޕޯޓަރުންގެ "ހިތަށްވީ ތަދު" ފިލުވައިދީފި
- ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް އަދި ހެއިޓީ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ބްރެޒިލުން ކާމިޔާބުކޮށް ދެވަނަ ބުރާ ގާތަށް ޖެހިލައިފި
- ހެއިޓީ ބަލިކުރީ 3-0ގެ ނަތީޖާއަކުން
- މި ނަތީޖާގައި އޮވެ 4 ޕޮއިންޓާއެކު ބްރެޒިލުން މެޗު ނިންމާލީ ވޯލްޑް ކަޕުގައި ދެވަނަ ފަހަރަށް ކުޅޭ ހެއިޓީ މުބާރާތުން ކަޓުވާލުމަށްފަހު
ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް އަދި ހެއިޓީ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ބްރެޒިލުން ކާމިޔާބުކޮށް ދެވަނަ ބުރާ ގާތަށް ޖެހިލައިފިއެވެ.
ބްރެޒިލް މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ކުޅެ ވަނީ އެއްވަރުވެފައެވެ. އެއަށްފަހު މިއަދު ހެއިޓީ ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ.
މެޗުގައި ބްރެޒިލްއަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 23ވަނަ މިނެޓުގައި ކޫނިޔާއެވެ.
ބްރެޒިލްގެ ތަރި ނޭމާ ނުހިމަނައި މި މެޗަށް ވެސް ނުކުތް ބްރެޒިލަށް އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކޫނިޔާއެވެ. މެޗުގެ 36ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން މި ލަނޑާއެކު ލީޑް އިތުރަށް ފުޅާކުރީ މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ވިނީޝިއަސް ޖޫނިއަރ ކާމިޔާބުކުރި ލަނޑުންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެއްވެސް ލަނޑެއް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއްނުވެއެވެެ.
ނަމަވެސް ބްރެޒިލް ޓީމަށް ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، އަދި ޥޯލްޑް ކަޕުގައި އަލަށް ކުޅޭ ޒުވާން ކުޅުންތެރިޔާ އެންޑްރިކް ވަނީ ރީތި ޙަމަލާއެއް ގޯލަށް ފޮނުވާލައިފައެވެ. ނަމަވެސް އޮފްސައިޑުވުމުން ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ.
3-0ގެ މި ނަތީޖާގައި އޮވެ 4 ޕޮއިންޓާއެކު ބްރެޒިލުން މެޗު ނިންމާލީ ވޯލްޑް ކަޕުގައި ދެވަނަ ފަހަރަށް ކުޅޭ ހެއިޓީ މުބާރާތުން ކަޓުވާލުމަށްފަހުގައެވެ. މުފަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން އެންމެ ފުރަތަމަ ވަކިވި ޓީމަކަށް ހެއިޓީ ވެފައިވާއިރު ބްރެޒިލްގެ މި ނަތީޖާއަކީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރުކުރުމަށް ފަސޭހަވި ފަސޭހަވުމެކެވެ.
ގްރޫޕް ސްޓޭޖުގެ އެންްމެ ފަހު މެޗުގައި ބްރެޒިލުން ނުކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޖޫން 24ވާ ބުދަ ދުވަހުގެރޭ މެންދަމު (ރާއްޖެ ގަޑިން) 03:00ގައެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން