އަލިފުށީގެ ފަރުތަކަށް އާ ދިރުމެއް: “ޔޫތު އައި އަލިފުށި” އިން ކަނޑުގެ ބަގީޗާ އާލާކުރަން ފަށައިފި
އެންމެން ގުޅިގެން މިއަދު އިންދަމުން މިދަނީ ހަމައެކަނި މުރަކައެއް ނޫން. މިއީ މޫދުގެ ފުންމިނުގައި އާލާކުރަމުންދާ އުއްމީދެއް. --- ފޮޓޯ: ޔޫތު އައި އަލިފުށި
- ރ. އަލިފުށީގެ ކަނޑުފަޅުގެ މާހައުލު ރައްކާތެރިކޮށް، ފަރުތައް އާލާކުރުމަށްޓަކައި "ޔޫތު އައި އަލިފުށި" ގެ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ މުރަކަ އިންދުމުގެ މަޝްރޫޢުގެ ފުރަތަމަ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލައިފި
- ކުރިއަށް އޮތް އަހަރުތަކުގައި ވެސް މެދުކެނޑުމެއްނެތި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި
ރ. އަލިފުށީގެ ކަނޑުފަޅުގެ މާހައުލަށް އާ ދިރުމެއް ގެނެސްދިނުމުގެ މާތް މަޤްޞަދުގައި، އެ ރަށުގެ ޒުވާނުންގެ އިސްނެގުމާއެކު ފެށި މުރަކަ އިންދުމުގެ ބޮޑު މަޝްރޫޢުގެ ފުރަތަމަ މަރުހަލާ ނިންމާލައިފިއެވެ. "ޔޫތު އައި އަލިފުށި" އިން އިންތިޒާމުކުރި މި ހަރަކާތަކީ ރަށުގެ ފަރުތައް އަލުން އާލާކޮށް، ތިމާވެށި ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ ދަށުން އަލިފުށީ ފަޅުތެރޭގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ މުރަކަ ވަނީ އިންދާފައެވެ. ޔޫތު އައި އިން ހާމަކުރި ގޮތުގައި، މިއީ ހަމައެކަނި ތިމާވެށީގެ މަސައްކަތެއް ނޫން ކަމަށާއި، މިއީ މުޅި މުޖުތަމަޢު ގުޅިގެން ރަށުގެ ކުރިމަގަށްޓަކައި ކުރި އުއްމީދީ އިންވެސްޓްމަންޓެކެވެ. މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި ވޮލަންޓިއަރުންނާއި، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ހިއްސާ ޔޫތު އައި އިން ވަނީ ނުހަނު އުފަލާއެކު ފާހަގަކޮށްފައެވެ.
މިއީ މޫދުގެ ފުންމިނުގައި އާލާކުރަމުންދާ އުއްމީދެއް ކަމަށާއި މިއަދު އިންދާލެވުނު ކޮންމެ މުރަކަ ބުރިއަކީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި ވެވޭ ވަޢުދެއް ކަމަށް ޔޫތު އައި އިން ދެކެއެވެ. މިއީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މުޖުތަމަޢު އެކަތިގަނޑަކަށް ވެގެން ކުރެވިދާނެ ކަންކަމުގެ ދިރިހުރި މިސާލެއްގެ ގޮތުގައި އެ ފަރާތުން ސިފަކުރެއެވެ.

މި މަޝްރޫޢަކީ އަދި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި މެދުކެނޑުމެއްނެތި މި މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ޒުވާނުން ވަނީ ދީފައެވެ. މިފަދަ އިސްނެގުންތަކުގެ ސަބަބުން ރަށުގެ ފަޅުތެރޭގެ ދިރުން އިތުރުވެ، މަސްމަހާމެހީގެ އާލާވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
"ޔޫތު އައި އަލިފުށި" އަކީ ޒުވާނުންގެ ބިނާކުރަނިވި ވިސްނުމާއި ތަޞައްވުރުގެ މައްޗަށް ބިނާވެފައިވާ މިނިވަން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްގެ މަޤްޞަދަކީ މުޖުތަމަޢަށް ފައިދާހުރި ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ހޭލުންތެރިކަން އުފެއްދުމެވެ. އަލިފުށީގެ އިތުރުން ރަށުން ބޭރުގައިވެސް ތަފާތު ހަރަކާތްތަކާއި މަޝްވަރާތައް ހިންގުމަށް މި ޕްލެޓްފޯމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން