"ގްރޫޕް ސީ"ގެ ފުރަތަމަ މެޗުގައި މޮރޮކޯއިން ބްރެޒިލް މޮޅުވިޔަނުދީ ހިފަހައްޓައިފި
މޮރޮކޯގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށްފަހު ސައިބާރީ --ފޮޓޯ: ފީފާ
- ވޯލްޑް ކަޕުގެ "ގްރޫޕް ސީ"ގައި ބްރެޒިލްއާއި މޮރޮކޯ ބައްދަލުކުރި މެޗު 1-1އިން އެއްވަރުވެއްޖެ
- ބްރެޒިލްއަށް މި މެޗުން 3 ޕޮއިންޓު ނުހޯދުމަކީ ގިނަ ބަޔަކު އުއްމީދުކުރާނެ ކަމެއް ނޫންކަން ކަށަވަރު
- ބްރެޒިލްގެ ތަރި ނޭމާ ޖޫނިއަރ އަނިޔާގެ ސަބަބުން ނުހިމަނައި ކުޅުނު މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފަހި، ގިނަ ފުރުޞަޠުތަކެއް ވަނީ ލިބިފައި
ވޯލްޑް ކަޕުގެ "ގްރޫޕް ސީ"ގައި ބްރެޒިލްއާއި މޮރޮކޯ ބައްދަލުކުރި މެޗު 1-1އިން އެއްވަރުވެއްޖެއެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފުދޭވަރެއްގެ މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ މޮރޮކޯއިންނެވެ. މެޗުގެ 21ވަނަ މިނެޓުގައި ފޯވާޑު ސައިބާރީ، ބްރެޒިލްގެ ގޯލްކީޕަރު ބޯމަތިން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދައި ވަނީ މޮރޮކޯއަށް ލީޑު ނަގައިދީފައެވެ.
ނަމަވެސް މާގިނައިރުތަކެއްނުވެ ރެއާލް މެޑްރިޑުގެ ތަރި އަދި ބްރެޒިލްގެ ކުރިއަށް ކުޅޭ ވިނީޝިއަސްގެ ބާރު ޙަމަލާއެއް ވަނީ ގޯލަށް ފޮނުވާލައި، 1-1އަށް ނަތީޖާ އެއްވަރުކޮށްފައެވެ.
2022ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލާ ހަމައިން މުބާރާތާ ވަކިވާންޖެހުނު މޮރޮކޯއަށް މި ނަތީޖާއަކީ ގޯސް ނަތީޖާއަކަށް ނުވެދާނެއެވެ. ނަމަވެސް ބްރެޒިލްއަށް މި މެޗުން 3 ޕޮއިންޓު ނުހޯދުމަކީ ގިނަ ބަޔަކު އުއްމީދުކުރާނެ ކަމެއް ނޫންކަން ކަށަވަރެވެ.
ބްރެޒިލްއާއި މޮރޮކޯ ހިމެނޭ މި ގްރޫޕުގައި ދެން ހިމެނެނީ ސްކޮޓްލޭންޑާއި ހައިޓީއެވެ.
ބްރެޒިލްގެ ތަރި ނޭމާ ޖޫނިއަރ އަނިޔާގެ ސަބަބުން ނުހިމަނައި ކުޅުނު މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފަހި، ގިނަ ފުރުޞަޠުތަކެއް ވަނީ ލިބިފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާއިރު ބްރެޒިލް ދެން ނުކުންނާނީ ޖޫން 20ވަނަ ދުވަހުގެ ފަތިހު، ހައިޓީއާ ދެކޮޅަށެވެ. އަދި މޮރޮކޯއިން ދެން ނުކުންނާނީ ޖޫން 19ވަނަ ދުވަހުގެރޭ މެންދަމު (ރާއްޖެ ގަޑިން) 3:00ގައި ސްކޮޓްލޭންޑާ ދެކޮޅަށެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން