"ގްރޫޕް ބީ"ގެ ފުރަތަމަ ދެ މެޗު ވެސް އެއްވަރު!
ގްރޫޕް ސްޓޭޖުގައި ޤަތަރާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ: ފީފާ
- ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ "ގްރޫޕް ބީ"ގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް އެއްވަރުވެއްޖެ
- "ގްރޫޕް ބީ"ގެ ފުރަތަމަ މެޗުގައި ކެނަޑާއާއި ބޮސްނިއާ ބައްދަލުކޮށް، މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން
- ގްރޫޕުގެ ދެވަނަ މެޗުގައި ޤަތަރާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ވެސް ނިމިގެންދިޔައީ ދެ ޓީމު އެއްވަރުވެގެން
- އެހެންކަމުން މި ގްރޫޕުގައި އޮތް 4 ޓީމަށް ވެސް މިހާތަނަށް ލިބިފައި މިވަނީ އެއް ޕޮއިންޓު
2026ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ "ގްރޫޕް ބީ"ގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް އެއްވަރުވެއްޖެއެވެ.
"ގްރޫޕް ބީ"ގެ ފުރަތަމަ މެޗުގައި ކެނަޑާއާއި ބޮސްނިއާ ބައްދަލުކޮށް، މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެގޮތުން އެ މެޗުގެ 21ވަނަ މިނެޓުގައި ޖޯވޯ ލުކިޗް ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ވަނީ ނިމިގެންގޮސްފައެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ވަނީ ކެނަޑާއިން ލަރިން ކާމިޔާބުކޮށްދިން ލަނޑާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެ ޓީމަށް ވެސް އެއް ޕޮއިންޓާއެކު ނިންމާލަންޖެހިފައިވާއިރު އެ ގްރޫޕުގެ ދެވަނަ މެޗުގައި ޤަތަރާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ވެސް ނިމިގެންދިޔައީ ދެ ޓީމު އެއްވަރުވެގެންނެވެ. 1-1އިން މި މެޗު ވެސް ނިމިފައިވާއިރު މެޗުގައި ގިނަ ވަޤުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސްވިޒަލޭންޑުންނެވެ.
ފުރަތަމަ ހާފުގައި ޤަތަރުގެ ގޯލްކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ސްވިޒަލޭންޑުން ލީޑު ނެގީ 17ވަނަ މިނެޓުގައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސްވިޒަލޭންޑުގެ ފޯވާޑް އެމްބޯލޯއެވެ. މި ނަތީޖާގައި މެޗުގެ އެންމެ ފަހު ވަޤުތާ ޖެހެންދެން ވެސް ސްވިޒަލޭންޑުން ވަނީ ހިފަހައްޓައިފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ޤަތަރުގެ ޑިފެންޑަރު ޚޫޚީ ބޮލުން ޖައްސާ ގޯލުގެ ތެރެއަށް ފޮނުވާލި ލަނޑާއެކު ނަތީޖާ 1-1އަށް ބަދަލުވެ މެޗު ނިމުނީއެވެ.
އެހެންކަމުން މި ގްރޫޕުގައި އޮތް 4 ޓީމަށް ވެސް މިހާތަނަށް ލިބިފައި މިވަނީ އެއް ޕޮއިންޓެވެ.
ދެން މި ގްރޫޕުގެ މެޗެއް އޮންނާނީ ޖޫން 18ވަނަ ދުވަހުގެރޭ (ރާއްޖެ ގަޑިން) 12:00ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ސްވިޒަލޭންޑާއި ބޮސްނިއާއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން