ރ. ވާދޫ ކައުންސިލުން ފެށި ފިޓްނަސް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް!
ރ. ވާދޫ ކައުންސިލުން ހިންގާ ފިޓްނަސް ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ: ރ. ވާދޫ ކައުންސިލް
ރ. ވާދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ފެށި ފިޓްނަސް ޕްރޮގްރާމަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން އެ ކައުންސިލުން ހާމަކޮށްފިއެވެ. މި ޕްރޮގްރާމަކީ ރަށުގެ ހަށިހެޔޮކަން އިތުރުކުރުމަށް ރ. ވާދޫ އެފްއާރްސީއާއި ރ. ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮގްރާމްގައި ރަށުގެ ކުދިބޮޑު ދެޖިންސުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ޖުމްލަ 6 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ސްކޫލް ދަރިވަރުންނަށް ވަކި ސެޝަންތަކެއް ހާއްސަކޮށްފައިވާއިރު، އާންމު ރައްޔިތުންނަށް އަމާޒުކޮށްގެންވެސް ތަފާތު ސެޝަންތައް ދަނީ ބާއްވަމުންނެވެ. މި ޕްރޮގްރާމްގެ ތަމްރީނުތައް ދެއްވަނީ ރ. ވާދޫއަށް ނިސްބަތްވާ ޒުވާން އިންސްޓްރަކްޓަރ މުޙައްމަދު އާސިފްއެވެ.
ވާދޫ ފިޓްނަސް ސެންޓަރުގައި ކުރިއަށްދާ މި ޕްރޮގްރާމް ފެށުމުގެ ކުރިން، ބައިވެރިންގެ ހެލްތު ސްކްރީނިންގް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ވާދޫ ސިއްޚީ މަރުކަޒުގައި ކުރިއަށްދިޔަ މި ސްކްރީނިންގްގެ ސަބަބުން، ބައިވެރިންގެ ސިއްހީ ހާލަތަށް ބަލައި ރައްކާތެރިކަމާއެކު ކަސްރަތުތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެފައިވެއެވެ.


ރ ވާދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރިޔާޟް، ވާދޫ ލައިވްއަށް ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތަކީ ވަރަށް މުހިންމު ކަމަކަށްވާތީ، ރ. ވާދޫ ފިޓްނަސް ސެންޓަރގައި ބޭނުންކުރާ ވަސީލަތްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ޖިމް ބޭނުންކުރާ ފަރާތްތަކަށް ދަސްކޮށްދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ، ހިތްހަމަ ޖެހޭ ވަރެއްގެ އަދަދެއް ބައިވެރިވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
"އުއްމީދަކީ މިޕްރޮގްރާމް ނިމިގެން ދިޔަނަމަވެސް ޕްރޮގްރާމުން ދަސްވި އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމާއެކު، ޖިމް ބޭނުން ކުރާ މިންވަރު އިތުރުވެގެން ދިޔުން." ރިޔާޟް ވިދާޅުވިއެވެ.
ދުޅަހެޔޮ ހަށިހެޔޮ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ވާދޫ ހެދުމަކީ ކައުންސިލްގެ ފަސްވަނަ ދައުރުގެ މުހިންމު ސިޔާސަތެއް ކަމަށް ކައުންސިލުން ބުނެއެވެ. އަދި އާންމު ރައްޔިތުންނާއި، ވަކިން ހާއްސަކޮށް ޒުވާނުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ ކައުންސިލްގެ މިހިނގާ ދައުރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ކަމެއްކަން ކައުންސިލުން ފާހަގަކުރެއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން