Loading…
ޚަބަރު

ޙާސިދާގެ މަރު | ފުލުހުންނަށް އެންމެ ފަހުން ލިބުނު މެސެޖަކީ "އައި އޭމް ގޯން"

ޙާސިދާގެ މަރު | ފުލުހުންނަށް އެންމެ ފަހުން ލިބުނު މެސެޖަކީ "އައި އޭމް ގޯން"

އެޕްރީލް 20ވަނަ ދުވަހުގެރޭ އެމް.އެން.ޔޫގެ ދަނާލުގައި 18 އަހަރުގެ ޒުވާނަކު ނިޔާވި މައްސަލައެއް ވަނީ ފުލުހުން ތަޙުޤީޤުކުރަން ފަށައިފައެވެ.

އެ ޙާދިޘާއާ ގުޅޭ އެތައް ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ އެކި ގޮތްގޮތަށް ފެތުރެމުންނެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ބައެއް ޚަބަރުތަކަކީ ސައްޙަ ނޫން ޚަބަރުތަކަކަށްވާތީ އެކަން އެގޮތަށް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރައީސް އޮފީހުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާން ވަނީ މިކަން ހިނގާދިޔަ ގޮތް ވަރަށް ތަފްޞީލުކޮށް ކިޔައިދީފައެވެ.

އެގޮތުން 2026 އެޕްރީލް 20ވަނަ ދުވަހުގެރޭ 20:40ގައި ފުލުހުންގެ ވިކްޓިމް ސަޕޯޓުގެ ވައިބަރު ނަންބަރަށް އެ ފަރާތުގެ މެސެޖެއް ވަނީ ލިބިފައެވެ. އެ މެސެޖުގައިވަނީ "އައި އޭމް ސޯ ކްލޯޒް ޓު ގިވްއަޕް"، މިފަދައިންނެވެ. އެ މެސެޖަށް ވިކްޓިމް ސަޕޯޓުގެ ފަރާތުން 20:49ގައި ޖަވާބު ދީފައިވެއެވެ. ޖަވާބުގައިވަނީ "ހާއީ، ވުޑް ޔޫ ލައިކް ޓު ޝެއަރ ވިތު އަސް"، މިފަދައިންނެވެ. އެހެނީ އެ ޒުވާނާ އެހީއަކަށް ބޭނުންވެފައި ކަމަށް ޤަބޫލުކުރެވޭތީ ވިކްޓިމް ސަޕޯޓުގެ ފަރާތުން ވަނީ މަޝްވަރާކޮށްލަން ނުވަތަ ޙިއްސާކޮށްލަން ބޭނުންތޯ ސުވާލުކޮށްފައެވެ.

20:50ގައި އެ ޒުވާނާ ވަނީ މެސެޖަށް ޖަވާބުދީފައެވެ. އެ ޒުވާނާ ކުރި މެސެޖުގައިވަނީ "އައި ޖަސްޓް ކާންޓް ކޮންޓްރޯލް މައި ތޯޓްސް" މިހެންނެވެ. އަދި އެއްވެސް މީހަކަށް އެކަމާ ގުޅޭ ގޮތުން ނުގުޅާތީވޭ ބުނެ 20:53ގައި ވަނީ އެ ޒުވާނާ މެސެޖުކޮށްފައެވެ. އަދި ތިމަންނަ އޯކޭ ކަމަށާއި އޯކޭވާނެ ކަމަށް އެ ޒުވާނާ ބުނެފައިވެއެވެ. އެއަށްފަހު 20:56ގައި "އައި އޭމް ގޮއިންގ ފޯރ އަ ވޯކް" މިހެން ބުނެ ވަނީ މެސެޖުކޮށްފައެވެ.

އެހިސާބުން ދެން އެއްވެސް މެސެޖެއް ނުލިބި ގިނައިރުތަކެއްވުމަށްފަހު އެރޭ، 00:38ގައި އަނެއްކާވެސް އެ ޒުވާނާ ވަނީ ފުލުހުންގެ ވިކްޓިމް ސަޕޯޓުގެ ލައިނަށް މެސެޖުކޮށްފައެވެ. އެ މެސެޖުގައިވަނީ "އައި އޭމް ގޯން"، މިފަދައިންނެވެ. އެހެންކަމުން 00:42ގައި ފުލުހުން ވަނީ އެ މެސެޖުގެ މާނައަކީ ކޮބައިތޯ، އަދި އިތުރަށް ވާހަކަދައްކާލަން ބޭނުންތޯ ނުވަތަ ހަސްފަތާލަށް ދާން ބޭނުންވޭތޯ އެ ޒުވާނާއަށް ސުވާލުކޮށްފައެވެ. ނަމަވެސް އެއަށްފަހު އެ ޒުވާނާގެ އިތުރު ޚަބަރެއް ނުވެއެވެ. އަދި ފުލުހުންގެ 911 ކޯލް ސެންޓަރުގެ ނަންބަރަށާއި އެފް.ސީ.ޕީ.ޑީ ނަންބަރަކަށް ގުޅަން އެއްވެސް މަސައްކަތެއް އެ ޒުވާނާ ކޮށްފައެއްނުވެއެވެ.

00:57ގައި އެ ފަރާތުގެ ވައިބަރު ނަންބަރު ވަނީ އޮފްލައިންވެފައެވެ. މިނިސްޓަރު އިޙްސާން ވިދާޅުވި ގޮތުގައި އޭގެ އިރުކޮށްޅެއްް ފަހުން ފުލުހުންނަށް މަޢުލޫމާތު ލިބިފައިވަނީ، އެ ޒުވާނާ އޭނާގެ ބޭބެއަށް ވެސް 00:36ގައި "އައި އޭމް ނޮޓް ބޯދާޑް"އޭ ބުނެ މެސެޖެއް ކޮށްފައިވާކަމަށެވެ. އެއީ ފުލުހުން ވެސް އެ ޒުވާނާގެ ޢާއިލާއަށް ގުޅާ، އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށް ބުނެ، އެކަމަށް އަވަހަށް އެހީތެރިކަމަށް ބޭނުންވާކަމަށާއި، ފުލުހުންގެ ފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވަނިކޮށެވެ.

އޭގެފަހުން 01:03ގައި ފުލުހުންގެ ވިކްޓިމް ސަޕޯޓުގެ ފަރާތުން، ކޮމާންޑު ސެންޓަރަށް ގުޅައި، އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށް އަންގައި، އެތަނަށް ފުލުހުން ފޮނުވައިދިނުމަށް އެދިފައިވެއެވެ. އެހެންކަމުން 01:08ގައި ފުލުހުން ވަނީ ދަނާލަށް ވަދެ ދަނާލުގެ ތެރޭގައި އިދާރީ ބޭފުޅުންނާ ގުޅިގެން ސީދާ އެ ކޮޓަރިއަކީ ކޮބައިކަން ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ.

އެ މަސައްކަތުގެ އަލީގައި 01:32ގައި އެ ޒުވާނާ ދިރިއުޅޭ ކޮޓަރި ކަށަވަރުވެ އެތަނަށް ފުލުހުން ވަންނަން މަސައްކަތްކުރިއެވެ. ކޮޓަރީގެ ބޮކިތައް ވަނީ ނިއްވާލައިފައެވެ. އެ ކޮޓަރީގެ ފެންލައިޓު މެދުވެރިކޮށް ފުލުހުން ބެލިބެލުމުން އެ ހާދިޘާ ހިނގާފައިވަނިކޮށް ފެނުނެވެ. އެހިސާބުން ފުލުހުން އެ ފެންލައިޓުން އެތަނަށް ވަދެ 'ސީން'ގައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ވަނީ ކޮށްފައެވެ.

ކަން ހިނގާދިޔަ ގޮތް ވަރަށް ތަފްޞީލުކޮށް ކިޔައިދެއްވަމުން މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ ޚާއްޞަކޮށް މިފަދަ ނަފްސާނީ މައްސަލަތައް ހިމެނޭ ކަންކަމުގައި ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށެވެ. އެހެނީ އޭގެ ސަބަބުން އެފަދަ ކަންކަން ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް އޭގެ ނޭދެވޭ އަޘަރު ވަރަށް ބޮޑަށް ކުރަމުންދެއެވެ.

މިފަހުން އައިސް ކުޑަކުދިންނާއި ފުރާވަރު ޢުމުރުގެ ކުދިންގެ މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ނިމިދިޔަ މާރިޗު މަހުގައި ވެސް ކުޑަކުދިންނާގުޅޭ 92 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. އެހެންކަމުން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދޭން ބެލެނިވެރިން ވެސް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ވަނީ މިނިސްޓަރު އިލްތިމާސްކުރައްވައިފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.