Loading…
ރިޕޯޓް

ލޮލަށް އޭގެ އަސަރެއް ނުފެނޭ؛ އެކަމަކު ވޭންގަދަ ހަޤީޤީ ބައްޔެއް!

ލޮލަށް އޭގެ އަސަރެއް ނުފެނޭ؛ އެކަމަކު ވޭންގަދަ ހަޤީޤީ ބައްޔެއް!

ނަފްސާނީ ބައްޔަކީ ހަޤީޤަތެއް ކަމަށް ގަބޫލުނުކުރާ ބަޔަކު ވެސް އުޅެއެވެ. އެކަމަކު ޙަޤީޤަތަކީ، ދުނިޔޭގައި އެއް ބިލިއަނަށް ވުރެ ގިނަ މީހުން ނަފްސާނީ ބައްޔާ ހަނގުރާމަ ކުރަމުން ގެންދާ ކަމެވެ. މީގެ މާނައަކީ ދުނިޔޭގެ ކޮންމެ ހަތް މީހުންގެ ތެރެއިން އެކެއް ނަފްސާނީ ބައްޔެއް ތަހައްމަލު ކުރާ ކަމެވެ. މިއީ ހަމައެކަނި ބޭރު ޤައުމުތަކުގެ ވާހަކައެއް ނޫނެވެ. އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް މި މައްސަލަ ވަރަށް ބޮޑެވެ.

ދިވެހިރާއްޖޭގެ މަންޒަރު

ސަރުކާރާއި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ - ޑަބްލިޔުއެޗްއޯ ގުޅިގެން ހެދި ސްޓެޕްސް ސާވޭއިން ހާމަވީ ގޮތުގައި ރާއްޖޭގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކު ޑިޕްރެޝަންގެ އެކި ސިފަތައް ތަހައްމަލު ކުރެއެވެ. 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތުން ހެދި ސާވޭއެއް ދެއްކި ގޮތުގައި 29.1 އިންސައްތަ ބައިވެރިން ނަފްސާނީ ބައްޔެއް ހުރި ކަމަށް ރިޕޯޓް ކޮށްފައިވާ އިރު، ގާތްގަނޑަކަށް 5 އިންސައްތަ ބައިވެރިންގެ ކިބައިގައި އެންޒައިޓީ އަދި ޑިޕްރެޝަން ހުއްޓެވެ. ފިރިހެނުންނާ އަޅައި ބަލާއިރު ދެ ގުނައަށް ވުރެ ގިނަ އަންހެނުން އެންޒައިޓީ، ޑިޕްރެޝަން އަދި ސޮމެޓިކް ޑިސްއޯޑާތައް ތަހައްމަލު ކުރާ ކަމަށް ވެސް ދިރާސާއިން ދެއްކިއެވެ.

ގްލޯބަލް ސްކޫލް ބޭސްޑް ސްޓޫޑެންޓް ހެލްތު ސާވޭ 2009ގައި ހާމަވީ ގޮތުގައި ރާއްޖޭގެ ދަރިވަރުންގެ 35.5 އިންސައްތަ ކުދިން، އެކުދިންގެ ޢާންމު ހަރަކާތްތައް ހުއްޓާލެވޭ މިންވަރަށް މާޔޫސްކަން ނުވަތަ އެކަނިވެރިކަން ގިނަ ދުވަހު އިޙްސާސް ކުރެވުނު ކަމަށް ބުނެފައިވެއެވެ.

ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގެ އެންމެ ބޮޑު ހުރަސް: ސްޓިގްމާ

ރާއްޖޭގައި ނަފްސާނީ ބައްޔާ ކުރިމަތިލުމުގެ އެންމެ ބޮޑު ހުރަހަކީ ސްޓިގްމާ ނުވަތަ ތަފާތު ކުރުމުގެ ނަޒަރުން ބެލުމެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ނަފްސާނީ ދަތިކަން ކުރިމަތިވާ މީހުން ފުރަތަމަ ދާނީ ފަންޑިތަ ހެދުމަށް ނުވަތަ ދީނީ ޢިލްމުވެރިންގެ ގާތަށެވެ. ޚާއްޞަކޮށް ބޭރު ރަށްރަށުގައި ރަސްމީ ނަފްސާނީ ޚިދުމަތްތައް ލިބުން ދަތިވުމުން މި ކަން އިތުރެވެ. ނަފްސާނީ ދަތިތަކަކީ ރޫޙާނީ ސަބަބުތަކާ ގުޅޭ ކަމެއް ކަމަށް ގިނަ ބަޔަކަށް ޤަބޫލު ކުރެވެއެވެ.

ނަފްސާނީ ޞިއްޙަތާ ގުޅޭ އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަ ކުރެވުނީ ހޭލުންތެރިކަން ކުޑަވުމާއި ސްޓިގްމާ ހުރިހާ ފެންވަރެއްގައި ވެސް އޮތުމެވެ. ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ސާވޭތައް ދައްކާ ގޮތުގައި ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ 22.1 އިންސައްތަ ބައިވެރިންނަށް އެމީހުންގެ ނަފްސާނީ ބައްޔާ ހެދި ޖެހިލުވުން/ ލަދުވެތިކަން ނުވަތަ ތަފާތު ކުރުން ކުރިމަތި ވެފައިވެއެވެ.

ފަރުވާ ދޭނެ ޕްރޮފެޝަނަލުންގެ ދަތިކަން

ނަފްސާނީ މައްސަލަތައް އިތުރުވަމުންދާ އިރު ވެސް ތަމްރީނު ލިބިފައިވާ ނަފްސާނީ ޞިއްޙީ ޕްރޮފެޝަނަލުންގެ ވަރަށް ބޮޑު ދަތިކަމެއް ރާއްޖޭގައި އެބައޮތެވެ. މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލުގައި ޖުމްލަ ހަ ސައިކިއެޓްރިސްޓުން ތިބި އިރު، ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހިމެނީމާ ވެސް ޖުމްލަ އަދަދު 15 އަށް ވުރެ މައްޗެއް ނުވެއެވެ. ނަމަވެސް ނަފްސާނީ ބަލިމީހުންގެ އާބާދީ ދަނީ ހުއްޓުމެއް ނެތި ބޮޑުވަމުންނެވެ. ފަރުވާ ނުލިބި، ޑިޕްރެޝަނާއި އެންޒައިޓީގެ ހިލިހިލާގައި ވެސް ބެދިފައި ގިނަ ބަޔަކު ތިބީ އެ ނިމުމެއް ނެތް އިންތިޒާރުގައެވެ.

ދުނިޔެ ބުނަނީ ކީކޭ؟

ޑިޕްރެޝަނާއި އެންޒައިޓީގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 1 ޓްރިލިއަން ޑޮލަރުގެ ގެއްލުން ލިބެއެވެ. ސަރުކާރުތަކުން ނަފްސާނީ ޞިއްޙަތަށް ކުރާ ހޭދައިގެ އެވަރެޖް ހުރީ ހެލްތު ބަޖެޓުގެ އެންމެ 2 އިންސައްތައިގައެވެ. މިއަދަދު ހުރީ 2017 ވަނަ އަހަރުން ފެށިގެން ބަދަލެއް ނެތި މިގޮތުގައެވެ. ދުނިޔޭގައި ނަފްސާނީ ޞިއްޙީ މަސައްކަތްތެރިންގެ އެވަރަޖެކީ ކޮންމެ 100,000 މީހުންނަށް އެންމެ 13 މީހުންނެވެ. ދަށް އަދި މެދު ފަންތީގެ ޤައުމުތަކުގައި މި ދަތިކަން ވަރަށް ބޮޑެވެ.

2021 ވަނަ އަހަރު އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ސަބަބުން ދުނިޔެއިން 727,000 ފުރާނަ ގެއްލިފައިވެއެވެ.

ތިބާއަށް ކުރެވޭނީ ކޮން ކަމެއް؟

ނަފްސާނީ ބައްޔަކީ ލަދުވެތި ކަމެއް ނޫނެވެ. ރޯގާ ޖެހުމުން ޑޮކްޓަރަށް ދައްކާ ފަދައިން، ނަފްސާނީ ގޮތުން ދަތިވާ ނަމަ ވެސް އެހީ ހޯދުމަކީ ހިތްވަރެކެވެ.

ރާއްޖޭގެ ނެޝަނަލް މެންޓަލް ހެލްތު ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއި، ނަފްސާނީ ބަލިތަކުން ރައްކާތެރިވުމާއި، ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ގޮތް ފަހިކުރުމާއި، ސްޓިގްމާ ނައްތާލުމާއި، ނަފްސާނީ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިން ވަރުގަދަ ކުރުން ހިމެނެއެވެ.

ތިބާ ނުވަތަ ތިބާ ދަންނަ މީހަކު ނަފްސާނީ ދަތިކަމެއް ތަހައްމަލު ކުރާ ނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. އެ ފިޔަވަޅަކީ އެންމެ ހިތްވަރުގަދަ ފިޔަވަޅެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ މީހެއްގެ ވެސް ޙައްޤެކެވެ. އެކަކު ވެސް އެކަނި ހަނގުރާމަ ކުރާކަށް ނުޖެހެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.