ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާ ފާސްކުރަން ފަށައިފި
ޢައިޝާ' ޑޮކިޔުމެންޓަރީ މައްސަލާގައި ފުލުހުން، އަދަދު ނޫހުގެ އޮފީސް ބަލާ ފާސްކުރަން ފަށައިފިއެވެ.
ފުލުހުން ޢަދަދު ނޫހުގެ އޮފީހަށް ވަދެފައިވަނީ މިރޭގެ ވަޤުތެއްގައި ކޯޓު ޢަމުރެއްގެ ދަށުންނެވެ.
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެފައިވަނީ 'ޢައިޝާ'ގެ ނަމުގައި އަދަދު ނޫހުން ގެނެސްދިން ޑޮކިޔުމެންޓަރީއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް ކުރައްވާފައިވާ ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވައި، އެކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި ރައީސް އެދިވަޑައިގަންނަވާނެކަމަށް މިއަދު ވިދާޅުވެފައިވަނިކޮށެވެ.

ނިމިދިޔަ މަހުގެ 28ވަނަ ދުވަހު އަދަދު ނޫހުން ޢާއްމުކުރި މި ޑޮކިޔުމެންޓަރީގައި ވަނީ، ރައީސް އޮފީހުގެ އަންހެން މުވައްޒަފަކާއެކު ރައީސް ޖިންސީ ގުޅުމެއް ހިންގި ކަމަށާއި، އެ އަންހެން މުވައްޒަފަށް ގިނަ ޢަދަދެއްގެ ފައިސާ ރައީސް ދީފައިވާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އެ ޑޮކިޔުމެންޓަރީގައި އެވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެ ވާހަކަތައް ފެތުރުމުގައި ހިމެނޭ އެންމެހާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުގައި ދަންނަވާނެކަމަށް ވިދާޅުވެފައެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން