މަގޫދޫ ބަލިކޮށް ވެލިދޫ ފައިނަލަށް
“ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ ޓޯނަމެންޓު 2026” އަންހެން ޑިވިޜަންގެ، ހޯމަ ދުވަހުގެ ރޭ ކުޅުމު މެޗުގައި ބައްދަލު ކުރީ މަގޫދޫ ވޮލީ ޓީމާއި ވެލިދޫ އެސް.ސީ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރީ ވެލިދޫ އެސް.ސީ އެވެ.
މެޗު ފެށިގެން ދިޔައީ ފޯރިގަދަ ކުޅުމަކުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވެލިދޫ އެސް.ސީ ކާމިޔާބު ކުރި ދެވަނަ ސެޓު ކާމިޔާބު ކުރީ މަގޫދޫ ވޮލީ ޓީމުންނެވެ. މި ސެޓުގައި މަގޫދޫ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް ވެލިދޫއަށް ވާދަވެރިކަމެއް ކުރިމަތި ކުރުވާފައެވެ.
ނަމަވެސް ވާދަވެރި ކުޅުމަކާއި އެކު ތިންވަނަ އަދި ހަތަރުވަނަ ސެޓު ކާމިޔާބު ކުރީ ވެލިދޫ އެސް. ސީ އެވެ.
މި މެޗަކީ “ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީ މުބާރާތް 2026” އަންހެން ޑިވިޜަންގައި މިހާތަނަށް ފެނިގެން ދިޔަ އެންމެ ފޯރިގަދަ އެއް މެޗެވެ. މެޗުގެ ހުރިހާ ސެޓެއްގެ ކުޅުން ވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން ބަލިވެފައި އޮތް ވަގުތުގައި ވެސް. މަގޫދޫ ކުޅުންތެރިން ދެއްކީ ގަދަ ހިތްވަރެކެވެ. މަގޫދޫ ވޮލީޓީމަކީ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ޒުވާން ކުޅުންތެރިން ފެނިގެންދިޔަ ޓީމެވެ. މި ޓީމުގައި ގިނައީ އަލަށް ވޮލީގެ ތެރެއަށް ވަންނަ ކުދިންނެވެ.
މި މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗަކަށް ވެގެންދިޔައިރު، ޓީމާއި އެއްވަރަށް ދެޓީމުގެ ސަޕޯޓަކުންގެ ފޯރިއަކަށް ބަދަލެއް ނާދެއެވެ. ކޯޓުގެ ބޭރުން އެއް އަޑަކަށް ގުގުމާލާފައި ހުރީ ސަޕޯޓަކުންގެ އަޑެވެ. މަގޫދޫ މުބާރާތުން ވަކިވިގެން ދާއިރު ފާހަގަ ކޮށްލަން ޖެހެނީ މަގޫދޫ ސަޕޯޓަކުންގެ ޖޯޝާ ފޯރިއެވެ. ކޮންމެ މެޗަކަށް ދިގު ދަތުގެ ކޮށްފައި އެތަށް ބައިވަރު ސަޕޯޓަރުން އަންނަނީ ބެރާއި ދުންމާރި ހިފައިގެންނެވެ. މަގޫދޫ ސަޕޯޓަރުންގެ ހިތްގައިމު ސަޕޯޓަކީ މި މުބާރާތުން ފާހަގަވެގެން ދިޔަ އެއްކަމެވެ.
މި މުބާރާތުގެ އަންހެން ޑިވިޜަންގައި ދެން ކުޅޭނީ ފައިނަމް މެޗެވެ. ފައިނަލް މެޗުގައި ބައްދަލު ކުރާނީ މުބާރާތް ހިންގާ ރަށް ކަމަށްވާ ވެލިދޫގެ ޓީމް، ވެލިދޫ އެސް. ސީ އާއި ފޮއްދޫ އެސް. ސީ އެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން