ކުރުވާހަކަ: ކުލަނުވި ހުވަފެން
ކޮންމެ ދުވަހެއްގެ ހެނދުނު، އަޔާން އެ އިންތިޒާރެއް ކުރަނީ އަތިރިމަތީގައި ހުންނަ ކުޑަ ކެފޭ ކައިރީގައެވެ. ހަމަ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އެއީ އޭނާއާއެކު ކޮލެޖަށް ދިޔުމުގެ ނިޔަތުގައެވެ. އޭނާއަށް އެންމެ މީރު ކޮފީއާއި، ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައި ކިޔާ ލަވަތަކާއި، ދުނިޔެ ނިދާފައި އޮންނަ ވަގުތުތަކުގައި ފޯނުން ދައްކާ ހުވަފެނީ ވާހަކަތައް އަޔާންގެ ހަނދާނުގައި ބިންވަޅު ނެގިފައި ހުއްޓެވެ.
އޭނާގެ ނަމަކީ ރަޝާއެވެ.
އަޔާންގެ ނަޒަރުގައި ރަޝާއަކީ އޭނާގެ މުޅި ދިރިއުޅުމެވެ.
ތިން އަހަރު ވަންދެން، އަޔާން އޭނާގެ މުޅި ނަފްސު ރަޝާ އަށްޓަކައި ހުސްކޮށްލިއެވެ. އޭނާ ހިތް އުފާވާނެހާ ކަންކަން ކޮށްދިނެވެ. މިޒަމާނުގެ އަންހެންކުއްޖަކު ލޯބިވެރިޔާގެ ފަރާތުން އެދޭނެ ކޮންމެ ކަމެކެވެ. ރަޝާގެ ހިތާމަވެރި ރޭތަކުގައި އަޔާން ހޭލާ ހުރެ ހިތްވަރު ދިނެވެ. އަދި އެ ތެދުވެރިކަމެއް ނެތް ދުލުން ވީ ކޮންމެ ވަޢުދެއް އެއްވެސް މަޖުބޫރުކަމެއް ނެތި ލޮލުންބޮލުން އަޔާން ގަބޫލުކުރިއެވެ.
"އަހަރެންގެ މުޅި އުމުރުގައިވެސް ލޯބިވާނެ ހަމައެކަނި ފިރިހެނަކީ ތީއެވެ،" ރަޝާގެ ބުނުމެކެވެ. އަދި އަޔާން އެ ބަސްތައް އިތުބާރާއެކު ގަބޫލުކުރިއެވެ. ލޯތްބަކީ ބައެއް ފަހަރު ސާފު ހިތްތަކަށް މަގުއޮޅުވާލާ އެއްޗެކެވެ. އަޔާނަށްވީ ކިހިނެއް ހެއްޔެވެ؟ ރަޝާ އެ ވަރުގެ ކެއްސެއް ދީފާނެ ހެއްޔެވެ؟
އެ ގުޅުމަށް ތިން އަހަރުވެއްޖެއެވެ. ރަޝާގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. މެސެޖުތަކަށް ދޭ ޖަވާބު ކުރުވެ، ފޯނު ނުނެގުމަށް ތަފާތު އުޒުރުތައް ދައްކަން ފެށިއެވެ. "ވަރުބަލިވެފައި"، "ބިޒީވެފައި" ނުވަތަ "ނިދިފައި" ކަމަށް ބުނެ އޮޅުވާލަން ފެށިއެވެ.
ނަމަވެސް އެ ހަގީގަތެއް ނެތް އުޒުރުތަކުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްގަނޑު އަޔާނަށް އިހުސާސް ކުރެވެމުން ދިޔައެވެ.
ރަޝާގެ ހިތުން އެހެން މީހަކު ޖާގަ ހޯދައިފިއެވެ.
އެއީ ރިޝާދުއެވެ. މުއްސަނދި އާއިލާއެއްގެ، އަގުބޮޑު ކާރާއި ސައިކަލު ގެންގުޅޭ، ފުރިހަމަ ހިނިތުންވުމެއްގެ ވެރިއެކެވެ. މައިންބަފައިން ފަޚުރުވެރިކަމާއެކު ގަބޫލުކުރާނެ ފަދަ މީހެކެވެ.
ފުރަތަމަ ރަޝާ މި ހުރިހާ ކަމަކަށް އިންކާރު ކުރިއެވެ.
"ތިޔައީ މާ ބޮޑަށް ވިސްނާތީ ވާގޮތް."
"އަހަންނަށް އިތުބާރު ނުކުރަނީ."
"ތި އުޅޭ ގޮތުން ވަރަށް އުނދަގޫވޭ އެބަ"
އެ ބަސްތައް ހަންޖަރެއް ފަދައިން އަޔާންގެ ހިތަށް ހެރުނެވެ. އެހެނީ ރަޝާ ކުށްވެރިކުރުމުގެ ބަދަލުގައި، އަޔާނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީއެވެ.
ދެން އެއްރެއަކު، އަޔާންގެ ރަހުމަތްތެރިއަކު އޭނާއަށް ފޮޓޯއެއް ފޮނުވިއެވެ.
ރިސޯޓެއްގައި ރިޝާދުގެ ކޮނޑުގައި ބޯ އަޅާލައިގެން އެ އިނީ ދެވަނަ މީހަކު ނޫނެވެ. އާނއެކެވެ. އެއީ އެއްދުވަސްވަރެއްގައި އަޔާންގެ ކޮނޑުގައި ބޯ އަޅާލައިގެން ހުރެ، އަބަދަށް އެކުގައި ވާނެކަމަށް އަޔާނަށް ވަޢުދުވި ދުލުގެ ވެރިޔާއެވެ.
ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަހެންނެވެ. ހާސްވެ މުޅި މީހާގެ ގައިން އޮށްދާ ހިއްަލަނީއެވެ. އަޔާންގެ އަތް ތުރުތުރުލާން ފެށިއެވެ. އެހެންނަމަވެސް، ހިތްވަރެއް ގައިގައި ލާފައި ރަޝާއަށް ގުޅިއެވެ. އެހެން ނޫޅުމަށް އާދޭސް ކުރިއެވެ. ކެހި ދީފައިވީ ނަމަވެސް، ލޯބީގެ ބާރުން އެ ގުޅުން ސަލާމަތް ކުރެވޭނެ ކަމަށް އުންމީދު ކުރިއެވެ. އިސްލާހަށް އެދުނެވެ. އޭނާ ބޭނުމީ ސުލުހަޔާއި ލޯތްބެވެ.
ނަމަވެސް ރަޝާގެ ރާގު މިހާރު ހުރީ ވަރަށް ފިނިކޮށެވެ.
"މަންމަމެން ބޭނުންވަނީ އަހަރެން އޭނާއާ ކައިވެނި ކުރަން،" މަންމައާއި ބައްޕަގެ ބޮލަށް ކަނޑާލަމުން ރަޝާ މަޑުމަޑުން ބުންޏެވެ. "އޭނާއަށް އަހަންނަށް މާ ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭނެ."
އަޔާން ހިމޭންވިއެވެ. ތިން އަހަރުގެ ދިގު އިންތިޒާރާއި ލޯބި ބީވެގެން ދާތީއެވެ.
"އަހަރެމެންގެ ލޯތްބަށް ވާނީ ކިހިނެއް؟" އޭނާ މަޑުމަޑުން ސުވާލު ކުރިއެވެ.
ރަޝާ ޖަވާބު ދިނުމުގެ ކުރިން ވަރަށް ގިނައިރު ހިމޭނުން ހުއްޓެވެ.
"ބައެއް ވާހަކަތަކަކީ އެކުގައި ނިމޭ ގޮތަށް ލިޔެވިފައިވާ ވާހަކަތަކެއް ނޫން."
އެ ޖުމުލައަށްފަހު، ފޯނު ކަނޑާލިއެވެ. އެއާއެކު އަޔާންގެ ހިތްވެސް ހުއްޓުނު ކަހަލައެވެ. ކަރުނައިން ދެލޯ ފުރާލިއެވެ.
ހަފްތާތަކެއް ފަހުން، ސޯޝަލް މީޑިއާއިން ފެނުނީ ކައިވެނީގެ ފޮޓޯތަކެކެވެ. ހުދުކުލައާއި ރަންކުލައިގެ ކައިވެނި ހެދުމުގައި ރަޝާ އެ ހުރީ ހިނިތުންވެފައެވެ. އަޔާންގެ ނަމެއްވެސް އޭނާގެ ހަޔާތުގައި ދުވަހަކުވެސް ނެތް ކަހަލައެވެ. އޭނާއަށް އައި ކޮންމެ ތޫފާނެއްގައި އަޔާން އޭނާއަށް ހިޔާވަހިކަން ދިންކަން ހަނދާން ނެތް ކަހަލައެވެ. އަދި އަޔާންގެ ހިތަކީ އޭނާގެ އެންމެ އަމާން ހިޔާވަހިކަން ކަމުގައި ވީ ދުވަސްތައްވެސް ހަނދާން ނެތް ކަހަލައެވެ.
އެންމެން އޭނާއަށް މަރުހަބާ ކިޔަމުން ދިޔައިރު، އަނދިރި ކޮޓަރިއެއްގައި އެކަނި އިނދެ، ފޮހެލަން ނުކުޅެދިފައިވާ ކުރީގެ މެސެޖުތަކަށް ބަލަހައްޓައިގެންަ އިން ޒުވާނާ އެކަކަށްވެސް ނުފެނެއެވެ. ކޮންމެ ރެއަކު އޭނާގެ ހިތް ފަޅަފަޅައިގެންދާ އަޑެއް އެއްވެސް މީހަކަށް ނީވެއެވެ.
އަޔާން ލަވަ ހެދުން ހުއްޓާލިއެވެ. ބޭރަށް ނުކުމެ އުޅުން ހުއްޓާލިއެވެ. އޭނާގެ އަސްލު މިޒާޖު މުޅިން ބަދަލުވިއެވެ.
އެންމެ ހިތްދަތި ކަމަކީ ރަޝާ އޭނާ ދޫކޮށްލާފައި ދިޔުމެއް ނޫނެވެ. ނަމަވެސް، މީހަކު ދެކެ އިންތިހާއަށް ލޯބިވާން ދަސްކޮށްދިނުމަށްފަހު، އޭނާ ދޫކޮށްލާފައި ދިޔުމެވެ.
އަހަރުތަކެއް ފަހުން، މީހުން ބުނަމުން ދިޔައީ އަޔާން މުޅިން ބަދަލުވެއްޖެ ކަމަށެވެ.
އޭނާގެ ހިނިތުންވުން މަދުވިއެވެ. މީހުންނަށް ކުރާ އިތުބާރު ކުޑަވިއެވެ. އަދި ލޯބިވުމުގައި އިންތިހާއަށް ސަމާލުވިއެވެ.
އެހެނަސް، ބައެއް ރޭރޭ ދަންވަރު، ތަރިތަކުގެ ދަށުގައި ހުރެ އަބަދަށް އެކުގައި ވާނެކަމަށް ވަޢުދުވި އެ އަންހެންކުއްޖާގެ ހަނދާންތައް އޭނާގެ ހިތަށް އުނދަގޫ ކުރެއެވެ. އެއީ އެހެން މީހަކަށްޓަކައި އެ ވަޢުދުތައް ފުއްދަމުންދާ އަންހެންކުއްޖާއެވެ. ކުލަނުވި ހުވަފެން ދެއްކި އަޔާންގެ ހިތުގެ ރާނީއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން