ޗެމްޕިއަންސް ލީގު ފައިނަލުގައި އާސެނަލް އާއި ޕީއެސްޖީގެ ކުރިމަތިލުމެއް!
ޔޫއެފާ ޗެމްޕިއަންސް ލީގު 2025/26ގެ ފައިނަލުން އާސެނަލް އާއި ޕީއެސްޖީ ޖާގަ ހޯދައިފިއެވެ.
ސެމީ ފައިނަލުގެ ދެވަނަ ބުރުގައި ޕީއެސްޖީ އަދި ބަޔާން މިޔުނިކް ބައްދަލުކުރި މެޗުގެ ފުރަތަމަ 3 މިނެޓުގެ ތެރޭގައި ވަނީ ޢުޘްމާން ޑެމްބެލޭ ކާމިޔާބުކޮށްދިން ލަނޑާއެކު ޕީއެސްޖީން ލީޑު ނަގައިފައެވެ. އެއަށްފަހު އިތުރު ލަނޑެއް އެއްވެސް ޓީމެއްގެ ފަރާތުން ނުފެނި ގިނައިރުތަކެއްވުމަށްފަހު މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ބަޔާނުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ހެރީ ކޭން ކާމިޔާބުކޮށްދިން މި ލަނޑުން މެޗުގެ ނަތީޖާ އެއްވަރުވީ ނަމަވެސް ބަޔާނަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެހެނީ އެގްރިގޭޓް 6-5އިން ޕީއެސްޖީ ކުރީގައި އޮތުމުންނެވެ.

މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އާސެނަލްއިން ކަށަވަރުކުރީ ސެމީ ފައިނަލުގައި އެގްރިގޭޓް 2-1އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްގެންނެވެ.
ސެމީ ފައިނަލުން ބަޔާން މިޔުނިކް ހިތްދަތި ގޮތަކަށް ބަލިކުރުމަށްފަހު ޕީއެސްޖީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، މިއީ ޕީއެސްޖީ ވެސް އަދި އާސެނަލް ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. އާސެނަލް މީގެކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކުޅެފައިވަނީ 2006ވަނަ އަހަރުއެވެ. އެ އަހަރު ފައިނަލުގައި ބާސެލޯނާއާ ބައްދަލުކޮށް ވަނީ 2-1އިން ބަލިވެފައެވެ.
ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މީގެކުރިން ދެ ފަހަރު ވަނީ ކުޅެފައެވެ. އެގޮތުން 2020ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅެ ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ޕީއެސްޖީއަކީ 2025ވަނަ އަހަރުގެ ޗެމްޕިއަނުންނެވެ. އެހެނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލަށް މިވަނީ އެ ޓީމު ދަތުރުކޮށްފައެވެ.
ހަންގޭރީގެ ބުޑަފެސްޓުގައި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ މެއި 30ވާ ހޮނިހިރު ދުވަހުގެރޭ (ރާއްޖެ ގަޑިން) 9 ޖަހާއިރުއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން