ނޮޅިވަރަމުގެ ކަރަންޓުގެ ޙާލަތު ގޯސްވަމުންދާތީ ރައްޔިތުންގެ ބަޔަކު ނުކުމެ ފެނަކަ އޮފީސް ސަރަޙައްދުގައި އިހުތިޖާޖުކޮށްފި
ނޮޅިވަރަމު ފެނަކަ އޮފީސް ގޯތިތެރޭގައި ޢާއްމުން ޝުޢޫރު ފާޅުކުރަނީ
ހދ. ނޮޅިވަރަމުގެ ކަރަންޓުގެ ޙާލަތު ގޯސްވަމުންދާތީ ރަށުގެ ޢާއްމުންގެ ތެރެއިން ބަޔަކު ނުކުމެ އެރަށު ފެނަކަ އިންޖީނުގެއާއި އޮފީސް ހުންނަ ސަރަޙައްދަށް އެއްވެ އިހުތިޖާޖުކޮށްފިއެވެ.
މިއަދު ހެނދުނު 09:00 ހާއިރު ފެނަކަ ނޮޅިވަރަމު ބްރާންޗުގެ ދޮރުމައްޗަށް ޢާއްމުން އެއްވެ ރަށުގެ ރައްޔިތުންގެ އަޑު ދިޔައީ އިއްވަމުންނެވެ.
އިހުތިޖާޖުގެ ބައިވެރިން އެންމެ ފުރަތަމަ މަގުމަތީގައި ޝުޢޫރު ފާޅުކުރަމުން ގޮސް ފެނަކައިގެ ގޯތިތެރެއަށް ވަނުމުން ނޮޅިވަރަމު ފެނަކައިގެ ސްޓޭޝަން މެނޭޖަރު މުޙައްމަދު ޒިޔާދު ދިޔައީ މައްސަލަ އިތުރަށް ހޫނުވިޔަ ނުދީ ވާހަކަ ދައްކައިގެން ޙައްލެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައާއި ރަށުގެ ކަރަންޓުގެ ޙާލަތު ގޯސްވެ އެކި ސަރަޙައްދުތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ޙައްލެއް ނުލިބި ގިނަ ދުވަސްވެފައިވާތީ މިކަމާ ގުޅިގެން އިތުރަށް މަޝްވަރާކުރުމަށް ނޮޅިވަރަމު ކައުންސިލް އިދާރާގައި ކުއްލި ބައްދަލުވުމެއް ވެސް ވަނީ މިއަދު 11:00ގައި ކުރިއަށް ގެންގޮސްފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ފެނަކަ ނޮޅިވަރަމު ބްރާންޗުގެ އިސްވެރިންނާއި އިހުތިޖާޖުގެ ބައިވެރިންނާއި ކައުންސިލް މެންބަރުން ބައިވެރިވިއެވެ.
އެގޮތުން ފެނަކައިގެ އިސް ފަރާތަކަށް ގުޅުއްވައިގެން ރައްޔިތުންގެ ޝަކުވާތައް ވަނީ އަޑު އަހައިފައެވެ. އަދި ބަރާބަރު އެއް މަސް ދުވަހުގެ ތެރޭގައި ރަށުގެ ކަރަންޓުގެ މައްސަލަތައް ޙައްލުކޮށްދެވޭނެ ކަމަށް ފެނަކައިގެ ފަރާތުން ވިދާޅުވިއެވެ. އަދި ރަށުގެ ކަރަންޓު ނެޓްވޯކު ބަދަލުކުރުމަށާއި އެކިއެކި ކަންކަން ޙައްލުކުރުމަށް ރަށަށް ގެންނަންޖެހޭ ސާމާނު މިހާރު ވަނީ ރަށަށް ގެނައުމުގެ މަގުމަތީގައި ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ހދ ނޮޅިވަރަމުގެ ކަރަންޓުގެ މައްސަލައަކީ އެރަށުގެ ރައްޔިތުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ މައްސަލައެކެވެ. 3000އާ ގާތްކުރާ އާބާދީއެއް އޮންނަ ނޮޅިވަރަމުގައި ކަރަންޓުގެ ޙާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ.
ނޮޅިވަރަމުގެ އިންޖީނުގޭގައި މިވަޤުތު ހުރީ 3 ޖަނަރޭޓަރެވެ. އެއީ 400 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި، 648 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި 800 ކިލޯވޯޓުގެ ޖަނަރޭޓަރެކެވެ. އޭގެތެރެއިން 400 ކިލޯވޯޓުގެ ޖަނަރޭޓަރުގެ ސެންސަރެއް ހަލާކުވެގެން ވަނީ ނުހިންގިފައެވެ. އަދި 648 ކިލޯވޯޓުގެ ޖަނަރޭޓަރު އެއް ސެޓުން ހިފެހެއްޓޭ ވަރަށް ވުރެ ކުޑައެވެ. އަދި 800 ކިލޯވޯޓުގެ ޖަނަރޭޓަރު ޕީކް ގަޑީގައި އެއް ސެޓުން ހިފެހެއްޓޭ ވަރަށްވުރެ ކުޑައެވެ. އެހެންކަމުން މިހާރު އެއްވެސް ޖަނަރޭޓަރެއް ނިއްވާލެވޭނެ ވަޤުތެއް ނާދެއެވެ. މީގެން އެއްވެސް ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވިޔަސް މުޅި ރަށް ކަނު އަނދިރިއަށް ހިނގައިދާނެއެވެ.
ނޮޅިވަރަމުގެ ބޮޑު ބައެއްގައި އަދިވެސް އޮތީ އިހުގެ ނެޓްވޯކެކެވެ. އެއީ ގާތްގަނޑަކަށް 20 ނުވަތަ 25 ވަރަކަށް އަހަރުވެފައިވާ ކޭބަލްތަކެކެވެ. އެހެނީ މި މައްސަލައަށް ޙައްލު ހޯދުމަށް ޓަކައި މުޅި ކަރަންޓު ވިއުގައިގެ ކޭބަލް އެއްކޮށް ބަދަލުކުރަންޖެހޭނެކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް މިވަޤުތު ނޮޅިވަރަމުގައި އެހާ ކޭބަލްއެއް ވެސް ނެތެވެ. އަދި ކޭބަލް ލިބުން ވެސް އެހާމެ ދައްޗެވެ.
މީގެއިތުރުން އެރަށު އިންޖީނުގޭގެ ޕެނަލް ބޯޑު ވަނީ ފުރިފައެވެ. ޕެނަލް އިތުރު ކުރާނެ ޖާގައެއް ނެތެވެ. އަދި ހަމައެހެންމެ އިތުރު ސަރަޙައްދަކަށް ފީޑަރެއް ލައި ކަރަންޓު ފޯރުކޮށްދެވޭކަށް ވެސް ނެތެވެ. ޙާލަތު މިހާ ގޯސްވަމުން މިދަނީ އެކަށީގެންވާ ޙައްލަކަށް އެދިއެދި ވެސް އަދި މިހާތަނަށް އައި އިރު މިކަމަށް އެންމެ އެކަށީގެންވާ ޙައްލެއް ހޯދިފައި ނެތުމުންނެވެ.
ސަރުކާރުތަކުން މިފަދަ ކަންކަމުގައި ނޮޅިވަރަމަށް ދޭ އަހައްމިއްޔަތުކަން އަބަދުވެސް ކުޑަ ކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. އަދި މިފަދަ މައްސަލަތަކަށް ޙައްލު ހޯދައިދޭނެ ކަމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޙާލަތު މި ހިސާބަށް ދިޔައިރު، އަދި ދައުރު ދެބައިވެގެންދާއިރު މިކަމަށް ޙައްލު ގެނައުމަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތެއް ނުފެންނަ ކަމަށް އެރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.
ކަން މިހެން އޮތްއިރު ނިމިދިޔަ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި މި މައްސަލައަށް ޙައްލެއް ގެނައުމަށް ޓަކައި ކުޑަ ނަމަވެސް މަސައްކަތެއް ވަނީ ފެށިފައެވެ. އެއީ ފެނަކައިގެ އައު ޢިމާރާތާއި އައު އިންޖީނުގެ ޢިމާރާތް ކުރުމުގެ މަސައްކަތް ދައުރު ނިމެން ކައިރި ވަނިކޮށް ނަމަވެސް ވަނީ ފަށްޓަވައިދީފައެވެ. ހިތާމައަކީ އެ މަސައްކަތް މިއަދު ހުއްޓިފައި އޮތުމެވެ. ނޮޅިވަރަމުގެ ބައެއް ފަރާތްތަކުން ދަނީ މިކަމާ ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެނީ ރައީސްގެ ވަޢުދުފުޅުތައް ފުއްދުމަށް ޓަކައި ނޮޅިވަރަމުގައި މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢުތަކާ މި މައްސަލަ އަޅުވާ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެރަށުގެ ސިއްޙީ މަރުކަޒަށް ބައެއް އިތުރު ކުރިޔަސް ކަރަންޓު ނެތިއްހާ ޚިދުމަތް ނުދެވޭނެކަމާއި، ކިތަންމެ ރީތި ކައުންސިލް އިދާރާެއް ޢިމާރާތްކުރިޔަސް ކަރަންޓު ނެތި ޚިދުމަތެއް ނުދެވޭނެ ކަމަށާއި، އައު ބަނދަރެއް ހެދިޔަސް ކަރަންޓު ނެތީވިއްޔާ ރޭގަނޑުގެ ވަޤުތުގައި ޚިދުމަތެއް ފަސޭހައެއް ނުވާނެ ކަމަށާއި، ސްކޫލްގައި އައު ހޯލެއް އެޅިޔަސް ކަރަންޓު ނެތި ކިޔަވައިނުދެވޭނެ ކަމަށް އެރަށު ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނޮޅިވަރަމަށް އެންމެ ފަހުން 2025ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ކުރެއްވި ދަތުރުގައި ވެސް ރައްޔިތުންގެ ފަރާތުން ލިބުނު އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށުގެ ކަރަންޓުގެ ޙާލަތު ދަށް ކަމުގެ ކަންބޮޑުވުމެވެ. އެކި ފަހަރު މަތިން ރަށަށް ޒިޔާރަތްކުރާ ދަޢުލަތުގެ އިސްވެރިންގެ އަރިހުގައި ވެސް އެންމެ ގިނަ ފަރާތްތަކުން އެދެމުންދާ އެއް ކަމަކީ އެއީއެވެ.
ނޮޅިވަރަމުގެ ރައްޔިތުން އެދެނީ މިކަމަށް ޙައްލު ގެންނާށެވެ. މާދަމާ ވެސް ރަށުގައި ކަރަންޓު ހުންނާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. ޖަނަރޭޓަރުތައް ނޭވާ ހޮޅީގައެވެ. ކޭބަލްތައް ވިރެނީއެވެ. ފީޑަރުތަކަށް ލޯޑު ބޮޑުވެ އަނދަނީއެވެ. އިންޒާރުގެ ރަނގަބީލުގެ އަޑު ދުވަހެއް ދުވަހަކަށް ގަދަވަނީއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން