Loading…
ކުޅިވަރު

20 އަހަރަށްފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

20 އަހަރަށްފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް އާސެނަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ބުރުގެ މެޗު 1-1އިން ވަނީ އެއްވަރުވެފައެވެ. ނަމަވެސް ދެވަނަ ބުރުގެ މެޗު 1-0އިން އާސެނަލް ކާމިޔާބުކޮށް އެގްރިގޭޓު 2-1ގެ ނަތީޖާއަކުން މުބާރާތުގެ ފައިނަލަށް އާސެނަލް ވަނީ ދަތުރުކޮށްފައެވެ.

May be an image of soccer and football

އަމިއްލަ ދަނޑުގައި އާސެނަލަށް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ބުކާޔާ ސަކާއެވެ.

މުބާރާތުގެ ފައިނަލް މެޗުގައި އާސެނަލް ނުކުންނާނީ ބަޔާން މިޔުނިކް ނުވަތަ ޕީއެސްޖީއާ ދެކޮޅަށެވެ. ހަންގޭރީގެ ވެރި ރަށް ބުޑަފެސްޓުގައި މެއި 30ގައި އޮންނަ ފައިނަލަށް ދަތުރުކުރާ ދެވަނަ ޓީމެއް ކަށަވަރު ވާނީ ބަޔާނާއި ޕީއެސްޖީ ބައްދަލުކުރާ މެޗަށްފަހުއެވެ. ސެމީ ފައިނަލުގެ ފުރަތަމަ ބުރުގައި ޕީއެސްޖީން ވަނީ 5-4އިން ބަޔާން ބަލިކޮށްފައެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އާސެނަލް ދަތުރުކުރި ދެވަނަ ފަހަރެވެ. މީގެކުރިން އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރީ 2006ވަނަ އަހަރުއެވެ. އެފަހަރުގެ ފައިނަލުގައި ބާސެލޯނާއާ ވާދަކޮށް ވަނީ 2-1އިން ބަލިވެފައެވެ.

އޭގެފަހުން ނިމިދިޔަ އަހަރުގެ ވެސް ސެމީ ފައިނަލާ ހަމައަށް އާސެނަލް ވަނީ ދަތުރުކޮށްފައެވެ. ނަމަވެސް ސެމީގައި ޕީއެސްޖީ ކައިރިން ބަލިވެ މުބާރާތާ ވަކިވާންޖެހުނީއެވެ.

މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ ފައިނަލާ ހަމައަށް ދަތުރުކުރި އާސެނަލް މިވަޤުތު އޮތީ އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ ވެސް އެއްވަނައިގައެވެ. އެގޮތުން ކުރިއަށް އޮތް 3 މެޗު އާސެނަލް ކާމިޔާބުކޮށްފިނަމަ ޕްރިމިއަރ ލީގުގެ ޗެމްޕިއަނުންނަށް ވެސް އާސެނަލް ވާނެއެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.