Loading…
ކުޅިވަރު

އެލް ކްލެސިކޯގެ ތާރީޚީ މެޗެއް! ރެއާލް މޮޅުވިޔަނުދީ ހިފެހެއްޓިއްޖެނަމަ ލީގު ޗެމްޕިއަންކަން ބާސާއަށް

އެލް ކްލެސިކޯގެ ތާރީޚީ މެޗެއް! ރެއާލް މޮޅުވިޔަނުދީ ހިފެހެއްޓިއްޖެނަމަ ލީގު ޗެމްޕިއަންކަން ބާސާއަށް

އެލް ކްލެސިކޯގެ މިފަހަރުގެ ތާރީޚީ މެޗަށް ބާސެލޯނާއާއި ރެއާލުން ނުކުންނަން ވަޤުތު ކުޑަތަންވަމުންދާއިރު، މި މެޗަކީ މުޅި ސްޕެނިޝް ލީގުގެ ވެސް ތާރީޚީ މެޗަކަށް ހަދާލުމުގެ ފުރުޞަޠު އޮތީ ބާސާއަށް ފަހިވެފައެވެ. އެހެނީ މެޗުން ރެއާލް މެޑްރިޑް މޮޅުވިޔަނުދީ ބާސާއަށް ހިފަހައްޓާލެވިއްޖެނަމަ، ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ބާސާއަށް ކަށަވަރުވާނެތީއެވެ. މިއީ ލީގުގެ ތާރީޚުގައި ވެސް އަދި މިހާތަނަށް ވެފައި އޮތް ކަމެއް ނޫނެވެ.

މިއަހަރު ބާސާއިން ހުއްޓުމެއް ނެތް ވަރުގަދަ ފޯމެއްގައި ލީގުގެ މެޗުތަކުން މޮޅުވަމުން ގޮސް އެޕރީލް 22ގައި ސެލްޓަ ވީގޯ ކައިރިން ލިބުނު ޕެނަލްޓީއަކުން ލަމީން ޔަމާލް ކާމިޔާބުކޮށްދިން ލަނޑާއެކު ބާސާއިން ވަނީ މެޗު ކާމިޔާބުކޮށް، ގާތްގަނޑަކަށް ޗެމްޕިއަންކަން ހޯދުމުގެ ރޭސް ނިންމާލައިފައެވެ.

ނަމަވެސް އަދި މިވަރުން ދޫކޮށްނުލާ ރެއާލުން ވަނީ މެއި 3ގައި އެސްޕަނިޔޯލް އަތުން މޮޅުވެ އިތުރު ހިފުމަކަށް ދިޔުމަށް މަގު ކޮށައިފައެވެ. ނަމަވެސް މިވަޤުތު 88 ޕޮއިންޓާއެކު ބާސެލޯނާ ތާވަލުގެ އެއްވަނައިގައި އޮތްއިރު ރެއާލް މެޑްރިޑް އޮތީ 77 ޕޮއިންޓާއެކު ދެވަނައިގައެވެ. އެހެންކަމުން ލީގު ނިމެން ބާކީ 3 މެޗު ދެ ޓީމަށް ވެސް އޮތްއިރު، ރެއާލާ ދެކޮޅަށް ބާސާއިން އަމިއްލަ ދަނޑުގައި ނުކުންނަ މި މެޗު އެއްވަރުކޮށްލެވުނަސް ބާސާއަށް ލީގު ޗެމްޕިއަންކަން ލިބުނީއެވެ.

މެއި 10ވާ އާދީއްތަ ދުވަހުގެރޭ (ރާއްޖެ ގަޑިން) 12 ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް ރެއާލް މެޑްރިޑް ބާސާގެ ކޭމްޕް ނޫއަށް ދާއިރު، މިއީ ބާސާގެ ކޭމްޕް ނޫ ދަނޑު އަލުން މަރާމާތުކުރި ފަހުން އެތަނަށް ރެއާލް މެޑްރިޑް ޒިޔާރަތްކުރާ ފުރަތަމަ ފަހަރެވެ.

ސްޕެނިޝް ލީގުގެ ތާރީޚުގައި ވެސް އެލް ކްލެސިކޯގެ މެޗެއްގެ ނަތީޖާއަށް ބިނާވެ ލީގު ޗެމްޕިއަންކަން ހޯދި އެއްވެސް ޓީމެއް ނެތެވެ. ނަމަވެސް އެ ތާރީޚު ބަދަލުކޮށްލަން ބާސެލޯނާއަށް މި ލިބުނު ފުރުޞަޠުގެ ބޭނުން ހިފުމަށް ނުކުންނައިރު އެ ޓީމުގެ މުހިއްމު އެއް ކުޅުންތެރިޔަކު ކަމަށްވާ ލަމީން ޔަމާލް، މެޗުގައި ނުފެންނާނެއެވެ. އަނިޔާގެ ސަބަބުން ޔަމާލް މަޑުކޮށްލަންޖެހިފައިވާއިރު، ނިމިދިޔަ އެޕްރީލް މަހު އަނިޔާގައި ކުޅުމާ ދުރުގައި ހުރި އެ ޓީމުގެ ބްރެޒިލް ފޯވާޑު ރަފީނިއާ މިހާރު ހުރީ ތައްޔާރަށެވެ.

Barcelona vs Real Madrid, Spanish Super Cup: Final Score 3-2, Barça win  wild El Clásico, defend Supercopa crown | Barca Blaugranes

ލީގުގެ ފުރަތަމަ އެލް ކްލެސިކޯ ބައްދަލުވުމުން ރެއާލް ވަނީ 2-1އިން ބާސާ ބަލިކޮށްފައެވެ. ނަމަވެސް ޖަނަވަރީ މަހު ސަޢުދީގައި ކުޅުނު ސްޕެނިޝް ސުޕަރ ކަޕުގެ ފައިނަލް މެޗުން ބާސެލޯނާ ވަނީ 3-2އިން ރެއާލް މެޑްރިޑް ބަލިކޮށްފައެވެ. ގޮތް ނިންމަން އުނދަގޫ މި މެޗު ބަލައިލަން ދެ ޓީމުގެ ސަޕޯޓަރުން ވެސް ކެތްމަދުވެަފއިވާއިރު މިހާރު ސްޓޭޑިއަމުގެ ޓިކެޓުތައް ވިކި ހުސްވެފައިވާކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.

އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ބަލިކޮށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމުގެ ފަޚުރަކީ ހަމަ ޤައިމުވެސް ބާސާއާއި ސަޕޯޓަރުން ވެސް އެންމެ ބޭނުންވާނެ އެއް ކަންތައް ކަން ޔަޤީނެވެ. އަދި މި ފަޚުރު ހޯދިއްޖެނަމަ މިއީ މިވަޤުތު ބާސާގައި ތިބި އެންމެ ޒުވާން ކުޅުންތެރިން ކަމަށްވާ ޔަމާލް، ކުބާސީ އަދި ކަސަޑޯ ފަދަ ކުޅުންތެރިންނަށް ސްޕެއިނުގައި ލިބޭނެ އެންމެ ސީނިއަރ މެޑަލް ލިބޭނެ ފުރަތަމަ ފަހަރެވެ.

ރެއާލާ ދެކޮޅަށް ބާސާ ނުކުންނައިރު އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި 6 މެޗުގެ ތެރެއިން ރެއާލް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.