ފުރަތަމަ ލެގު ބަޔާނަށް ނާކާމިޔާބު، ޕީއެސްޖީ ފައިނަލާ ގާތަށް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޕީއެސްޖީއާއި ބަޔާން މިޔުނިކު ބައްދަލުކުރި ފުރަތަމަ ބުރުގެ މެޗު، ވާދަވެރި ކުޅުމަކަށްފަހު ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. ޕީއެސްޖީން މެޗު ކާމިޔާބުކުރީ 5-4ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-2އިން ޕީއެސްޖީ ކުރީގައި އޮވެއެވެ. މެޗުގައި ޕީއެސްޖީގެ އުސްމާނޭ ޑެމްބެލޭގެ ދެ ލަނޑާއި ކްވިޗާ ކްވަރަޓްސްޚޭލިއާގެ ދެ ލަނޑާއި ޖޮއާއޯ ނެވޭސްގެ ލަނޑެއް ފެނިގެންދިޔައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ވަރަށް ގިނަ ލަނޑުތަކެއް ކައިރިކައިރީގައި ވަނީ ފެނިގެންގޮސްފައެވެ.
ބަޔާނަށް ލަނޑު ޖަހައިދީފައިވަނީ ހެރީ ކޭންއާއި މައިކަލް އޮލީސޭގެ އިތުރުން އުޕަމެކާނޯއާއި ލުއިސް ޑިއާޒެވެ.
މިއީ 1960ވަނަ އަހަރުގެ ޔޫރަޕިއަން ކަޕު (އޭރުގެ ޗެމްޕިއަންސް ލީގު)ގެ ސެމީ ފައިނަލުގައި ފްރޭންކްފާޓުން 6-3އިން ރޭންޖާސް ބަލިކުރިފަހުން އެންމެ ގިނަ ލަނޑު ފެނިގެންދިޔަ ސެމީ ފައިނަލް މެޗެވެ. އެހެންކަމުން މިއީ ޗެމްޕިއަންސް ލީގުގެ ނަމުގައި މި މުބާރާތް ކުޅެން ފެށިފަހުން އެންމެ ގިނަ ލަނޑު ފެނިގެންދިޔަ ސެމީ ފައިނަލެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ބުރުގެ މެޗުތައް ކުރިއަށްދާއިރު އެތުލެޓިކޯ މެޑްރިޑާއި އާސެނަލް ބައްދަލުކުރާ މެޗު އަދި ކުރިއަށް އެބައޮތެވެ. އެ މެޗު އޮންނާނީ މިރޭ (ރާއްޖެ ގަޑިން) 12ޖަހާއިރުއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން