ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ޑރ. ޢަލީ އަޒްވަރު އައްޔަންކުރައްވައިފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަލީ އަޒްވަރު
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޢަލީ އަޒްވަރު އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ސ. ހިތަދޫ / ނެސްޕްރޯވިލާ، ޑރ. ޢަލީ އަޒްވަރު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ އެޕްރީލް 28 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ޑރ. އަޒްވަރަކީ ހަކަތައިގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ސްޓެލްކޯއާ ގުޅިވަޑައިގަތީ 1997 ވަނަ އަހަރު ޓްރޭނީއެއްގެ ގޮތުގައެވެ. ވިހި އަހަރަށްވުރެ ގިނަ ދުވަހު އެ ކުންފުންޏަށް ޚިދުމަތް ކުރައްވާފައިވާ ޑރ. އަޒްވަރު ވަނީ ސޭލްސް އެންޑް މާކެޓިންގ، ބިލިންގ ސާވިސަސް، އަދި ބިޒްނަސް ޑިވެލޮޕްމަންޓް ފަދަ މުހިންމު ދާއިރާތައް އިސްވެ ހިންގަވައިފައެވެ. އޭގެ އިތުރުން ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަގާމާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެއެވެ. ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ސްޓެލްކޯގެ ބޯޑު މެންބަރުކަމާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ގެ ނޮން-އެގްޒެކެޓިވް ޑައިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.
ތައުލީމީ ގޮތުން ބަލާއިރު ޑރ. އަޒްވަރު ވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަނުން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. އޭނާގެ ޕީއެޗްޑީ ދިރާސާ ބިނާކުރެއްވީ ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފެތުރުމާ ގުޅޭ ގޮތުންނެވެ. މީގެ އިތުރުން ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޫރުން މާސްޓަރ އިން ޕަބްލިކް ޕޮލިސީ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޝެފީލްޑުން ބިޒްނަސް ސްޓަޑީޒް ދާއިރާއިން އޮނަރސްއާއެކު ބެޗްލަރސް ޑިގްރީ ވެސް ހާސިލުކުރައްވާފައިވެއެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން