އެމްއައިބީގެ ޑޮލަރު ލިމިޓް ބައެއް ސައިޓްތަކަށް ކަނޑާލައި، ލިމިޓްކޮށްފި!
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރުފިޔާ ކާޑުތަކަށް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބައެއް އީ-ކޮމާސް ސައިޓްތަކުގައި ބޭނުންނުކުރެވޭ ގޮތަށް އެއްކޮށް ކަނޑާލައި، މަހަކު އެންމެ 10 މުއާމަލާތް ކުރެވޭ ގޮތަށް ބަދަލުކޮށްފިއެވެ.
އެމްއައިބީ އިން ނެރުނު ނޯޓިސްގައި ބުނެފައިވަނީ، ރުފިޔާ ކާޑުތަކަށް ދޫކޮށްފައިވާ ޑޮލަރު ލިމިޓަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޚާއްސަ ކުރެވިފައިވާ ލިމިޓެއް ނަމަވެސް، ބައެއް ކަސްޓަމަރުން އެ ނޫން އެހެނިހެން ބޭނުންތަކަށް ވެސް މި ލިމިޓް ބޭނުންކުރަމުންދާ ކަމަށެވެ.
މީގެއިތުރުން މުދާ ގަތުމަށް ޑޮލަރުގެ ލިމިޓް ބައެއް މާޗަންޓް ސައިޓްތަކުގައި ބޭނުންކުރުން ވަގުތީގޮތުން ބަންދުކޮށްފައިވާކަމަށް އެ ނޯޓިސްގައި ބުނެފައިވެއެވެ. މި ފިޔަވަޅު އަޅާފައިވަނީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް އިސްކަންދިނުމުގެ ގޮތުންކަމަށް އެ ނޯޓިސްގައި ވަނީ ބަޔާންކޮށްފައިވެއެވެ.
އެމްއައިބީ ބޭންކުން ހާމަކުރި ގޮތުގައި، މި ނިންމުމާއެކު ދެން އީ-ކޮމާސް ވެބްސައިޓްތަކުން މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ކުރެވޭނީ 10 މުއާމާލާތެވެ.ނަމަވެސް، ބްލޮކްކުރި ވަކިވަކި މާޗަންޓް ސައިޓްތައް ފިޔަވައި، އާންމުކޮށް ކަސްޓަމަރުން ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓްތަކަށާއި، ރާއްޖޭން ބޭރުގެ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކުގެ އިތުރުން، ޞިއްޙީ ފަރުވާއާއި ޗުއްޓީ ދަތުރުތަކަށް ކުރާ ޚަރަދުތަކަށް 250 ޑޮލަރުގެ ލިމިޓް އަދިވެސް ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.
އެމްއައިބީއިން އިތުރަށް ބުނީ،މިގޮތަށް ހަމަޖެއްސީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ޒަރޫރީ ކަންކަމުގައި މި ލިމިޓް ބޭނުންކުރުމުގެ ފުރުސަތު ދެމެހެއްޓެނިވި ގޮތެއްގައި ފަހިކޮށްދިނުމަށް ކަމަށެވެ.އެމްއައިބީން ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް 250 ޑޮލަރުގެ ލިމިޓް ދޫކުރަމުންދަނީ ހަމައެކަނި ވަކި މުއްދަތެއްގެ ތެރޭގައި އެ ބޭންކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް އެކަންޏެވެ.
ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކާ ހުރެ، އެހެން ބޭންކުތަކުން ވެސް ވަނީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ މިންވަރު ވަރަށް ބޮޑަށް ލިމިޓްކޮށްފައެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން