ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސް އަކަށް ރެޑްވޭވް ސަލީމް!
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް---
ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސް ކަމަށް ޕީއެންސީ މެންބަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި،ސަލީމް މި މަގާމަށް އިންތިހާބުވެވަޑައިގަތީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ސިއްރު ވޯޓުލުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ސިއްރު ވޯޓުގައި ސަލީމް މި މަގާމު ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) އާ ވާދަކުރައްވައެވެ،
ވޯޓުގެ ތަފްސީލުތައް:
އަހުމަދު ސަލީމް: 62 ވޯޓު.
ހުސައިން ޒިޔާދު: 10 ވޯޓު.
ބާތިލު ވޯޓު: 2 ވޯޓު
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލައެއް ޕީއެންސީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އިއްޔެ އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް ވަކިކުރަން ހުށަހެޅީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފިތުނަ އުފައްދަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން