Loading…
ރާއްޖެ

ނަފްސާނީ ބަލިމަޑުކަމުން އަރައިގަތުމަށް އޯގާތެރި މުޖުތަމައެއް މުހިންމު: އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފި

ނަފްސާނީ ބަލިމަޑުކަމުން އަރައިގަތުމަށް އޯގާތެރި މުޖުތަމައެއް މުހިންމު: އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފި

ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތްތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް މުޖުތަމައުގެ އެންމެހާ ފަރުދުން އޯގާތެރިވުމަށާއި، އެފަދަ ފަރާތްތަކުން ލަސްނުކޮށް ނަފްސާނީ އެހީތެރިކަން ހޯދުމަށް ހެލްތު މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.

ހެލްތު މިނިސްޓްރީއިން ނެރުނު ބަޔާނެއް ގައި ބުނީ،ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ދިމާވާ ހާދިސާތަކުގެ ސަބަބުން ނަފްސާނީ ދަތިތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން، މިފަދަ ހާލަތްތަކުގައި އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ނަފްސާނީ ދުޅަހެޔޮކަމަކީ އެކަށީގެންވާ ފަރުވާއާއި އަޅާލުން ލިބިގެން ހައްލުކުރެވޭނެ ކަމެއްކަން ފާހަގަކޮށް، މިނިސްޓްރީން ވަނީ ގައުމީ ނަފްސާނީ ހެލްޕްލައިން 1677 ނުވަތަ ކުޑަކުދިންނަށް ހާއްސަ ހެލްޕްލައިން 1412 އަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް ބާރުއަޅާފައެވެ.

މީސްމީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތަކާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ފަދަ މަންޒަރުތައް ހިއްސާކުރުމަކީ، އަސަރުކޮށްފައިވާ އާއިލާތަކަށް ފޫނުބެއްދޭ ފަދަ ބޮޑު ހިތްދަތިކަމެއް ލިބޭނެ ކަމެއް ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެހެންކަމުން، އާންމުންނަށާއި މީޑިއާތަކުން، މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި ޒިންމާދާރުކަމާއެކު މުއާމަލާތް ކުރުމަށް މިނިސްޓްރީއިން ވަނީ ގޮވާލާފައެވެ.

ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަމާނާތެއް ކަން ފާހަގަކޮށް މިނިސްޓްރީއިން ބުނީ، ރައްޓެހިންނާއި އާއިލާތަކުން ގުޅިގެން މީހުންގެ ހާލުބަލައި، އެއްވެސް ތަފާތުކުރުމެއް ނެތި އަޅާލުން އިސްކުރުމަށެވެ. އަނެކާގެ ވާހަކަ ކަނުލާ އަޑުއަހާލައި، އޯގާތެރިވުމަކީ ވެސް މީހެއްގެ ފުރާނަ ސަލަމާތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

"ގައުމެއްގެ ހައިސިއްޔަތުން އެކަކު އަނެކެއްގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ އެންމެން ޝާމިލްވާ ޒިންމާއެކެވެ. ހަގީގަތެއް ނެތް ވާހަކަތަކުގެ ބަދަލުގައި ހަމްދަރުދީ އިސްކޮށް، ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން ކުރިއަށް ނެރުއްވާށެވެ."

ނަފްސާނީ އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ، 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދޭ ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ހިދުމަތް ހޯދުމަށް 1677 އަށް ގުޅުމުން އެހީތެރިކަން ލިބޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ދޭ ވަގުތީ އަދި ދާއިމީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކަމާއި ބެހޭ ފަރާތްތަކާއެކު ހެލްތު މިނިސްޓްރީއިން މަސައްކަތްކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އިޝްތާރާ

މި ލިޔުން ކިޔާލުމުން އިހުސާސް ކުރެވުނީ ކިހިނެއް؟

ލިޔުމަށް ޚިޔާލު ހުށަހެޅުން

  • މި ވަގުތާ ހަމައަށް އެއްވެސް ޚިޔާލެއް ނެތް

ޚިޔާލު ޝާއިޢުކުރެވޭނީ އެޑިޓަރަކު ބެއްލެވުމަށްފަހު، ޚިޔާލު ޝާއިއުކުރުމުގެ މިންގަނޑަށް ފެތޭ ނަމައެވެ.