'މަންމަ' ގެ ކޯލް ނަގާށެވެ. އެއީ ނިއުމަތެކެވެ!
ކޮންމެ އަހަރެއްގެ މެއި މަހުގެ ދެވަނަ އާދީއްތަ އަކީ،ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހެވެ. މިއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ނޫރަކީ، އަދި ކާމިޔާބީގެ އަސްލަކީ މަންމަކަން ހަނދާންކޮށްދޭ ދުވަހެކެވެ. ނަމަވެސް މަންމައަށް ކަމޭހިތުމަކީ ހަމައެކަނި އަހަރަކު އެއްދުވަހު ކުރަންޖެހޭ ކަމެއް ނޫނެވެ. ކޮންމެ އަހަރެއްގައި އޮންނަ 365 ދުވަހަކީ ވެސް މަންމަައިންގެ ދުވަހެވެ.އަހަރަކު އެއްދުވަހު މާބޮނޑިއެއް ދިނުމަކުން ނުވަތަ ސޯޝަލް މީޑިއާގައި ފޮޓޯއެއް ޖަހާލުމަކުން މަންމަގެ ހައްގު އަދާކުރެވުނީކީ ނޫނެވެ. މަންމަ އަޅުގަނޑުމެންނަށްޓަކައި ވީ ގުރުބާނީއަކީ 24 ގަޑިއިރުގެ، އަދި މެދުކެނޑުމެއްނެތް މަސައްކަތެކެވެ. މަންމަ އަޅުގަނޑުމެން ބަލާ ބޮޑުކުރީ ހަމައެކަނި "ދުވަހަކު" ނޫނެވެ. އެހެންކަމުން، މަންމައަށް ކަމޭހިތުމަކީ ދިރިއުޅުމުގެ އާދައަކަށް ވާންޖެހެއެވެ.
މިއަދުގެ 'މިސްކޯލް' - މާދަމާގެ ހިތާމަ!
އަޅުގަނޑުމެން ދުނިޔަވީ ކަންކަމުގައި މަޝްޣޫލުވެގެން އުޅޭއިރު، ފޯނުގެ ސްކްރީނަށް 'މަންމަ' ގެ ނަން އަރާ ފަހަރު މަދެއް ނޫނެވެ. "މިވަގުތު ބިޒީއޭ" ނުވަތަ "ފަހުން ގުޅާލާނީއޭ" ހިތާ ފޯނު ނުނަގާ ބާއްވާލެވެނީ ކިތައް ފަހަރު ހެއްޔެވެ؟ ވިސްނާލާށެވެ! އެއީ ހަމައެކަނި ފޯނު ކޯލެއް ނޫނެވެ. އެއީ މަންމަގެ ހިތުގެ ވޭނެވެ. ދަރިފުޅުގެ އަޑު އަހާލުމަށް މަންމަ ކުރާ އިންތިޒާރެވެ.
މިއަދު މަންމަ ގުޅުމުން ފޯނު ނުނަގާ ދޫކޮށްލެވިދާނެއެވެ. ނަމަވެސް މާދަމާ މަންމަ ވަކިވެދިއުމަށްފަހު، އެ ނަންބަރުން ފޯނެއް އަންނާނެ ނަމައޭ ހިތަށް އަރާ ދުވަހު ކުރާނެ ފުން އަސަރާ މެދު ވިސްނާލިން ހެއްޔެވެ؟ މަންމަގެ "މިސްކޯލް" ތަކަށް މިއަދު ފަރުވާކުޑަ ކުރެވިއްޖެނަމަ، މާދަމާ މުޅި އުމުރު ހޭދަކުރަން ޖެހޭނީ މަންމަގެ ހަނދާންތަކުގެ ތެރޭގައި ހިތާމައިގައެވެ. ވޭނުގައެވެ.
ސުވަރުގެ އޮތީ މަންމަގެ ފައިތިލަދަށުގައި!
އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ސުވަރުގެ ވަނީ މަންމަގެ ފައިތިލަދަށުގައި ކަމެވެ. މަންމައަށް އޯގާތެރިވުމަކީ ސުވަރުގޭގެ ދޮރުކޮޅުގައި ޓަކިޖެހުމެވެ. މަންމަގެ ރުހުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމެވެ. މަންމަ ގުޅާލުމުން އެ އަޑަށް އިޖާބަދިނުމަކީވެސް އެ އޯގާތެރިކަމުގެ ތެރެއިންވާ ކަމެކެވެ.
އިސްލާމްދީނުގައި މަންމައަށް ދެވިފައިވަނީ ވަރަށް މަތިވެރި ދަރަޖައެކެވެ. ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއްގެ މާނައިގައިވަނީ، މީހަކު އެންމެ ހެޔޮކޮށް ހިތަންވީ ކާކަށްތޯ ސުވާލުކުރުމުން ތިން ފަހަރުވެސް "މަންމަ" ކަމަށް ވިދާޅުވެފައެވެ. މިއީ ދަރިންގެ ދިރިއުޅުމުގައި މަންމަގެ ދައުރުގެ ބޮޑުކަން އަންގައިދޭ ހެއްކެކެވެ.
ކީރިތި ރަސޫލާ ﷺ ގެ އަރިހަށް މީހަކު އައިސް ޖިހާދަށް ދިއުމުގެ ހުއްދައަށް އެދުމުން، އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. "ކަލޭގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟" އެމީހާ އާދެއޭ ދެންނެވުމުން ހަދީޘްފުޅު ކުރެއްވިއެވެ. "މަންމައަށް ޚިދުމަތްކުރުމުގައި ދެމިހުންނާށެވެ. ފަހެ، ހަމަކަށަވަރުން ސުވަރުގެވަނީ އެކަމަނާގެ ފައިތިލަދަށުގައެވެ." މިއީ މަންމައަށް ކަމޭހިތުމަކީ ސީދާ ސުވަރުގެއަށް ދެވޭނެ މަގެއްކަން އަންގައިދޭ ވަރަށް ބޮޑު ހެއްކެކެވެ.
މައިންބަފައިންނަށް "އުއްފު" ވެސް ނުބުނުން
ކީރިތި ގުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މައިންބަފައިންނަށް އޯގާތެރިވުމަށް ވަޞިއްޔަތް ކުރައްވާފައެވެ. އެކަލާނގެއަށް އަޅުކަން ކުރުމަށް އަމުރުކުރެއްވުމާ ވިދިގެން ދެން އަންގަވާފައިވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި އެމީހުން މުސްކުޅިވާ ދުވަހު، އެމީހުންނާ ދިމާލަށް ނުރުހުމުގެ ކުޑަވެސް ބަހެއް (އުއްފު) ވެސް ނުބުނުމަށާއި، އޯގާތެރިކަމުގެ ފިޔަ އެމީހުންގެ މައްޗަށް ތިރިކުރުމަށް އަންގަވާފައިވެއެވެ.
މި ހެކިތަކުން އެނގެނީ މަންމައަކީ ދުނިޔެމަތީގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތް ކަމެވެ.
ކޮންމެ ދުވަހަކު މަންމަމަގެ ހާލު ބަލާލާށެވެ.ވަގުތު ނެތްކަމަށް ބުނެ މަންމަ ބާކީނުކޮށް، ކޮންމެ ދުވަހަކުވެސް ކުޑަ ވަގުތުކޮޅެއް މަންމައަށް ހާއްސަކޮށްލާށެވެ.އޯގާތެރި ބަހުން ވާހަކަދައްކާށެވެ. މަންމަގެ އުމުރުން ދުވަސްވެ، ކަންކަން އޮޅޭ ހިސާބަށް ދިޔަޔަސް، "އުއްފު" ވެސް ނުބުނެ ކެތްތެރިކަމާއެކު މުއާމަލާތް ކުރާށެވެ!
މަންމަ އަށް އޯގާތެރިވެވޭނީ،ހަމައެކަނި ހަދިޔާއަކުން ނޫނެވެ. ގޭތެރޭގެ ކަންކަމުގައި އެހީތެރިވުމާއި، މަންމަ ބޭނުންވާ ކުދިކުދި ކަންކަން ކޮށްދިނުމަކީ ކޮންމެ ދުވަހަކުވެސް މަންމައަށް ކޮށްދެވިދާނެ ކަންކަމެވެ.
މަންމައަކީ ދަރިފުޅުގެ ހިތުގެ ވިންދު އެންމެ ފުރަތަމަ އިހުސާސްކުރި އިންސާނާއެވެ. އެހެންކަމުން، ދަރިއަށް ކަމެއް ދިމާވުމުން މަންމައަށް އެކަން އެނގެނީ އެއްވެސް މީހަކު ބުނެގެނެއް ނޫނެވެ. ދަރިފުޅު ބަލިވެއްޖެނަމަ، ނުވަތަ ކަމަކާ ދެރަވެ މާޔޫސްވެފައި ހުރެއްޖެނަމަ، އެކަން މަންމަގެ ހިތަށް ފަހުމްވެއެވެ. "ދަރިފުޅާ ކިހިނެއްވީތޯ" މަންމަ ތަކުރާރުކޮށް އަހަނީ އެހެންވެއެވެ.މަންމަގެ އެ ދަރިފުޅަށް ނުގުޅިއްޖެނަމަ މަންމަގެ ހިތް ތެޅޭނެއެވެ. ހާސްވެ ކަންބޮޑުވާނެއެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް،އެ ދަރިފުޅަށްޓަކައި މަންމަގެ ހިތް ވަނީ ހުޅުވިފައެވެ. އެއީ އެއްވެސް ޝަރުތެއް ނެތް، ބަދަލެއް ނެތް މަތިވެރި ލޯތްބެކެވެ. މިއީ މަންމަގެ ކޯލް ނެގުން މުހިންމުވާ އެންމެ ބޮޑު ސަބަބެވެ. އެ ކޯލުގެ ފަހަތުގައިވަނީ ހަމައެކަނި އަޑުއަހާލުމެއް ނޫނެވެ، އެއީ މަންމަގެ ހިތުގެ ހަމަޖެހުމެވެ.
މަންމައަކީ ދުނިޔެމަތީގައިވާ އަޅުގަނޑުމެންގެ ސުވަރުގެއެވެ. މަންމަގެ ވަކިވެދިއުމަށްފަހު، ހިތް ކަރުނުން ތެމި، މަންމަގެ ހެދުމުގައި ބައްދާލައިގެން އޮވެ މާފަށް އެދޭ ދުވަހު، އެ އަޑެއް އަލުން ނީވޭނެއެވެ. އެހެންކަމުން، ވަގުތު ފާއިތުވުމުގެ ކުރިން، މަންމަ ދުނިޔޭގައި ހުއްޓާ އެ ފައިތިލަދަށުން ސުވަރުގެ ހޯދުމަށް އަވަސްވެގަންނާށެވެ. މަންމަގެ ރުހުމަކީ ތިމާގެ ދިރިއުޅުމުގެ ބަރަކާތެވެ.
މަންމަގެ ލޯތްބަކީ "ލިމިޓެޑް އެޑިޝަން" އެއް ނޫނެވެ. އެއީ މުޅި އުމުރަށް ދެމިގެންވާ ނިއުމަތެކެވެ. އެހެންކަމުން، މަންމަ ދުނިޔޭގައި ހުރި ކޮންމެ ދުވަހަކީ "މަންމައިންގެ ދުވަސް" ކަމުގައި ހަދާށެވެ. މަންމަގެ ލޯތްބަށް އިޖާބަދިނުމުގައި މާދަމާއަށް މަޑުނުކުރާށެވެ.
ނޯޓް:
މަންމައިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ މަންމައަކަށް އަރިސްކުރަމެވެ. ވަކިން ހާއްސަކޮށް އަޅުގަނޑު މި ދުނިޔެއަށް އުފަންކޮށް ތަރުބިއްޔަތު ކޮށްދިން އަޅުގަނޑުގެ ލޯބިވާ މަންމަ، އާއިޝަތު ސިޔާނާ އަށް މި ދުވަހުގެ ހެޔޮއެދުމާއި ލޯބި ފޮނުވަމެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން