ރެސިޕީ: ބަރަބޯ ހަލުވާ
ބަރަބޯ ހަލުވާ—
ބަރަބޯ ހަލުވާއަކީ ކުރީ ޒަމާނުއްސުރެ ދިވެހީންގެ ސުފުރާ މަތިން ފެންނަ ފޮނި ކާއެއްޗެކެވެ. ފޮނި ކާއެއްޗިއްސަށް ލޯބި ކުރާ ގިނަ މީހުންނަށް ބަރަބޯ ހަލުވާ ވަރަށް ކަމުދާނެއެވެ. ގިނަ ދިވެހިން އަދިވެސް ރޯދައަށް ބަރަބޯ ހަލުވާ ހަދާ އުޅެއެވެ. މި ތައްޔާރުކުރަން ވެސް ގިނަ މީހުން ތަފާތު އުކުޅުތައް ގެންގުޅެއެވެ.
މި ރެސިޕީ އިން ތައްޔާރުކުރެވޭނޟ ގާތްގަނޑަކަށް 3 މީހުންނަށެވެ.
ބޭނުންވާ ތަކެތި:
1/2 ޖޯޑު ހަކުރު
3 ޖޯޑު ބަރަބޯ
1/2 ޖޯޑު ފެން
20 ވަރަކަށް ކާފޫރު ތޮޅި (އެމީހަކު ބޭނުންވާ ވަރަކަށް)
1 މޭޒުމަތީ ސަމުސާ ތެޔޮ
ތައްޔާރު ކުރާނެ ގޮތް:
ތެއްޔަކަށް ފެނާއި ބަރަބޯ އެޅުމަށްފަހު، ބަރަބޯތައް ރަނގަޅަށް ފެނު ކައްކާލާށެވެ.
ރަނގަޅަށް ބަރަބޯތައް މަޑުވުމުން، ނަގައި ފުރާނާލާށެވެ.
އަނެއްކާވެސް ތެއްޔެއްގެ ތެރެއަށް ތެޔޮކޮޅެއް އެޅުމަށްފަހު، ތެޔޮކޮޅު ހޫނުވުމުން، ފުރާނާފައިހުރި ބަރަބޯ ކޮޅާއި ކާފޫރުތޮޅީގެ އޮށްކޮޅު އަޅާލާށެވެ.
އެއަށްފަހު، 10 ވަރަކަށް މިނިޓް ކައްކާލާށެވެ.ގިނި ތަންކޮޅެއް މަޑުކޮށް ބެހެއްޓުން ރަނގަޅެވެ.
ދެން، ބަރަބޯކޮޅަށް ރަނގަޅަށް ކެކުމުން ( މުށި ކަހަލަ ކުލައެއް އެރުމުން) ހަކުރު އަޅާށެވެ.
ހަކުރު އެޅުމަށްފަހު، ރަނގަޅަށް އެއްކޮށްލާށެވެ.
އަނެއްކާވެސް، 15 މިނެޓް ވާދެކަށް ކައްކާލާށެވެ. ކައްކާއިރު ދޭތެރެ ދޭތެރެ އިން، ހަލާލަމުން ކައްކާށެވެ.
އިޝްތާރާ
ލިޔުމަށް ޚިޔާލު ހުށަހެޅުން